ޢިލްމީ ދިރާސާ: އިޖްތިހާދުކުރުމުގައި ކަންކަމުގެ ޚާއްޞަ އަހުލުވެރިންގެ އެހީ ލިބިގަތުމުގެ މަޝްރޫޢިއްޔަތު-1

بسم الله الرحمن الرحيم

މުޤައްދިމާ

إن الحمد لله، نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له. وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ [آل عمران:102] . يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً [النساء:1] . يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيداً * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً [الأحزاب:70-71] . أما بعد: فإن خير الكلام كلام الله، وخير الهدي هدي محمد صلى الله عليه وآله وسلم، وشر الأمور محدثاتها، وكل محدثة بدعة، وكل بدعة ضلالة، وكل ضلالة في النار.[1]

ފަހެ ހަމަކަށަވަރުން ޝަރްޢީ ޙުކުމްތަކަށް ވާސިލްވުމަށް اجتهاد ގެ ބާބަކީ އުޞޫލުލް ފިޤްހްގެ ނުލާހިކު މުހިއްމު ބާބެކެވެ. އަދި ކިއެއްތަ، ބައެއް އުޞޫލީ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އެއީ މިޢިލްމުގެ އެންމެ މުހިއްމު ހަތަރު ބާބުތަކުގެ ތެރެއިން އެއް ބާބެވެ.[2] މިބާބުގެ ދަށުން އަންނަ ޙުކުމްތަކާއި އޭގެ މައްސަލާތަށް ބަޔާންކުރުމަށް މި ފަންނުގެ ޢިލްމުވެރިންވަނީ ވަރަށް ބޮޑު ސަމާލުކަމެއްދެއްވާފައެވެ. އަދި އެބޭބޭފުޅުންވަނީ މިބާބުގެ މައްސަލާތަކުގެ މައްޗަށް ފިސާރި ގިނަގުނަ ޢިލްމީ ރިސާލާތަކާއި ބަހުޘްތައް ތައުލީފްކުރައްވާފައެވެ[3]. އިޖްތިހާޖްގެ މިބާބުގެ އެންމެ މުހިއްމު އެއްމައްސަލާއިގެ ތެރެއިން ހިމެނެނީ، “އިޖްތިހާދު ކުރާއިރު އިޚްތިޞާޞްގެ އަހްލުވެރިންގެ ކިބައިން އިސްތިޢާނާ ނުވަތަ މަދަދަށް އެދުން ނަންގަތް ބާބެވެ.” މިކުޑަކުޑަ ބަޙުޘްގައި އަޅުގަނޑު އަލި އަޅުވާލާނީ މިމަޥްޟޫޢުގެ މައްޗަށެވެ.

މި މަޥްޟޫޢުގެ އަހައްމިއްޔަތު:

ފަތުވާދިނުމުގައި އާއި ޤަޟާއަތުގައި މުޖްތަހިދަށްވަނީ އިޚްތިޞާޞްގެ އަހްލުވެރިންގެ ޙާޖަތަށް ޖެހިފައެވެ. އެހެނީ ފުރިހަމަ އިޖްތިހާދެއް ކުރުމަށް މައްސަލައިގެ ފުރިހަމަ ތަޞައްވުރާއި އަދި ޙަޤީޤަތް ރަނގަޅަށް ފަހުމްވާންޖެހޭނެއެވެ. މިކަމަކީ މައްސަލަޔާއި ގުޅިފައިވާ ދާއިރާގެ ތަޖްރިބާކާރުންނާއި މާހިރުންގެ އެހީތެރިކަމާއި ނުލާ ޙާޞިލްނުކުރެވޭނެކަމެކެވެ.

އައު ފަންނުތަކާއި ޢިލްމުތަކާއި ގުޅޭ ތަފާތު ނާޒިލާތަށް މިއަދުވަނީ ފިސާރި ގިނަވެފައެވެ. އެހެނީ މިޢަޞްރުގައި އިންސާނާގެ ޙަޔާތުގެ ހުރިހާ ޖާނިބެއް ވަނީ ތަރައްޤީގެ މުޅިން އާއުސްމިން ތަކަށް އަރާފައެވެ. ޓެކްނޮލޮޖިކަލް ކުރިއެރުންތަށް މިވަނީ އިންސާނާގެ ޙަޔާތާއި ލާމެހި، އެއާއި ނުލާ ނޫޅެވޭނެ އެއްޗަކަށް ވެފައެވެ. އެހެން ޢިލްމުތަކެކޭ އެއްގޮތަށް މިއައު ޢިލްމުތަކާއި ފަންނުތަކުގައި އަރާތިބި، އެކަމަށް ތަޚައްޞުޞްވެފައިވާ މާހިރުންތަކެއްވެއެވެ. އަދި އެމާހިރުންގެ އެހީތެރިކަމާއި ނުލާ އެދާއިރާއަކާއި ގުޅޭ މައްސަލައެއް ނިންމުމީ މުޖްތަހިދަށް ކުރެވޭނެކަމެއް ނޫނެވެ.

މިމައްސަލާގައި މުހިއްމުކަން ނުލާހިކު ބޮޑުކަމުގައިވިނަމަވެސް، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާތަނެއް ނުފެނެއެވެ. މިމައްސަލައަށް ކުޑަކޮށްވެސް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައިވާ ޢިލްމުވެރިން ވަރަށް މަދެވެ. އަދި ކިއެއް، އަޅުގަނޑު ހޯދި ހޯދުމުގައި މިމައްސަލައާއި މެދު ޚާއްޞަ ޢިލްމީ ދިރާސާއެއް ނުވަތަ ބަހުޘެއް ތައުލީފްކޮށްފައިވާތަނެއް ވަރަށް މަދުން ނޫނީ ފެނިފައެއް ނުވެއެވެ[4]. މިމައްސަލައާއި ގުޅުން ހުރި ބައެއް މައްސަލަތަކާއި ގުޅޭ ޙުކުމްތަކާއި މެދު އުޞޫލީ ޢިލްމުވެރިން ކޮންމެވެސް ވަރަކަށް ވާހަކަދައްކަވާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި މިސާލަކަށް، ތަފާތު އެކި ޢިލްމުތަކާއި ފަންނުތަކުގެ މަޢުލޫމާތު މުޖްތަހިދަށް އެނގުމުގެ ޝަރުތާއި[5] އަދި އެއް ޢިލްމުވެރިޔަކު އަނެއް ޢިލްމުވެރިޔެއްގެ ބަހަށް ތަޤްލީދުކުރުން[6] ހިމެނެއެވެ. ބައެއް ފިޤްހީ މައްސަލަތަކުގެ ޙުކުމްތައް ބަޔާންކުރައްވަމުން ފިޤްހުވެރިން މިމައްސަލައިގެ ބައެއް ޙުކުމްތަކަށް އަލިއަޅުވާލައްވާފައިވެއެވެ.

[1] މިޚުޠުބާއަށް ކިޔަނީ “خطبة الحاجة”.މިހެންނެވެ.

النسائي، أحمد شعيب، السنن الصغرى “المجتبى”، كتاب الجمعة، باب كيفية الخطبة، (6/89)، وابن حبان، صحيح ابن حبان (14/528)، والهيثمي، المجمع (مجمع الزوائد) (4/288)، وأبو يعلى، المسند (13/186) އަދި އެނޫންވެސް އެހެންމީހުން. އިތުރު ތަފްޞީލް ހޯދުމަށްޓަކައި ( خطبة الحاجة )  للشيخ : محمد ناصر الدين الألباني -رحمه الله- ط4،المكتب الإسلامي ، 1400م. ބައްލަވާ.

[2] نفائس الأصول (1/14)، އަދި جمع جوامع (1/35)، އަދި بيان المختصر (1/9)، އަދި أبي زهرة ގެ أصول الفقه (9) އަދި أصول الفقه الحد الموضوع الغاية (15) ބައްލަވާ.

[3] އިޖްތިހާދުގެ މައުޟޫޢުގައި ތަޞްނީފް ކުރެވިފައިވާ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނެނީ: އިމާމް މުޙައްމަދު ބިން ޙަސަން (އަވަހާރަވީ ހިޖްރައިން 189ގއި )ގެ اجتهاد الرأي،  ޢީސާ ބިން އަބާން (އަވަހާރަވީ ހިޖްރައިން 220ގައި) ގެ اجتهاد الرأي، އަބޫ ހިޝާމް އަލްޖަބާއީ (އަވަހާރަވީ ހިޖްރައިން 321ގައި) ގެ الاجتهاد، އަބުލް ޙަސަން އަލްއަޝްޢަރީ (އަވަހާރަވީ ހިޖްރައިން 324 ގައި) ގެ الاجتهاد، އަބޫ މަޢާލީ އަލްޖުވައިނީ (އަވަހާރަވީ ހިޖްރައިން 478ގައި)ގެ الاجتهاد، ސުޔޫތީ (އަވަހާރަވީ ހިޖުރައިން 911ގައި) ގެ تفسير الاجتهاد، ޞަންޢާނީ (އަވަހާރަވީ ހިޖުރައިން 1182ގައި) ގެ ارشاد النقد، އަދި ޝަޥްކާނީގެ القول المفيد ހިމެނެއެވެ.

[4] މިކަމާއި ބެހޭގޮތުން އަލިއަޅުވާލާފައިވާ އެންމެ ރަނގަޅު ފޮތަކަށް އަޅުގަނޑުގެ މިދިރާސާގައި ފެނިފައިވަނީ ސޫދި ޢަރަބިޔާގެ ރިޔާޟުގެ ޝަރީޢާ ކޮލެޖުގެ ފިޤްހު ޑިޕާޓްމެންޓުގެ ޑަކްޓަރޭޓް ތީސީސްއަކަށް ދަކްތޫރާ ފާތިމާ ބިންތި މުޙައްމަދު ޖާރުﷲ ލިޔުއްވާފައިވާ الخبرة ومجالاتها في الفقه الإسلامي އެވެ.

[5] شاطبي ގެ سبيل المثال الموافقات (114-107/1 އަދި 166-165) ބައްލަވާ.

[6] ابن القصار ގެ مقدماة (73-66)؛ شرح تنقيح الفصول (434-433)؛ رفع النقاب (84-69/6) ބައްލަވާ.

ޙިޔާލު ހުށަހެޅުއްވުމަށް....