ޝެއިޚުލް މުޖާހިދީން ޢަބްދު ﷲ ޔޫސުފް ޢައްޒާމް (\)

ch_270510_01

ޙަޔާތުގެ ކުރީކޮޅު:

ޢަބްދު ﷲ ޔޫސުފް ޢައްޒާމް (\) އުފަންވެވަޑައިގެންފައިވަނީ، އުތުރު ފަލަޞްޠީނުގެ ޖެނީން އަވަށުގައި ހުންނަ ސެލާތް އަލްހަރީޘިއާ ނަމަކަށް ކިޔުނު އަވަށެއްގައި މީލާދީން 1941 ގައެވެ. ބައްޕަގެ ނަމަކީ މުޞްޠަފާ ޢައްޒާމް (\) އެވެ. ޢަބްދު ﷲ ޢައްޒާމް (\) ޝަހީދުކޮށްލެވުނުތާ އެއް އަހަރު ފަހުން ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަގެ ނަމަކީ ޒަކިއާ ޞާލިޙްއެވެ. މަންމަ ނިޔާވެފައިވަނީ ޝެއިޚް ޝަހީދުކޮށްލެވުމުގެ އެއް އަހަރު ކުރިންނެވެ. މަންމަ ފަސްދާނުލެވިފައިވަނީ ޕާބީ ކޭމްޕްގައެވެ.

ޢައްޒާމްގެ ޢާއިލާއަކީ މަޝްހޫރު ޢާއިލާއެކެވެ. ޢައްޒާމްގެ ޅަފަތުގައި ވެސް އެބޭފުޅާ ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. އެގޮތުން ޢައްޒާމް (\) ވަނީ ޢުމުރުގެ ކުރީ ކޮޅުގައި ދަޢުވާގެ މަސައްކަތް ފައްޓަވާފައެވެ. ފަށާ ތަޢުލީމުގެ މަދަރުސާގައި އުޅުއްވި ދުވަސްވަރުގައި ވެސް އެބޭފުޅާގެ ފުރިހަމަކަމުގެ ހެކިތައް ޢަބްދު ﷲ ޢައްޒާމްގެ ކިބައިން ފެންނަން ފެށި އެވެ. އަދި އެދުވަސްވަރުގެ މުދައްރިސުންގެ މެދުގައި ފާހަގަކޮށްލެވޭ ދަރިވަރަކަށްވިއެވެ. ޢުމުރު ފުރައިގެ އެހެނިހެން ކުދިން ޢައްޒާމް (\) ދަންނަނީ ޞާލިޙު ކުއްޖެއްގެ ގޮތުގައެވެ. ޅަފިރިހެން ކުއްޖެއްގެ ގޮތުގައި ވީހިނދު ވެސް، ޢައްޒާމް (\) މަޝްހޫރުވެފައިވަނީ، އޭނާގެ ސާބިތުކަމާއި ހަރުދަނާ އަޚްލާޤުގެ ވެރިއެއްގެ ގޮތުގައެވެ. ޢުމުރުން މާގިނަ ދުވަސްތަކެއް ނުވަނީސް “އިޚްވާނުލްމުސްލިމީން” އާއި ގުޅިވަޑައިގެންނެވިއެވެ.

ތަޢުލީމީ ޙަޔާތް:

ޝެއިޚް ޢައްޒާމް، ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމު އުނގެނިވަޑައިގަތީ އަމިއްލަފުޅު އަވަށުންނެވެ. އަދި ތަޢުލީމީ ޙަޔާތް އިތުރަށް ކުރިއަށް ގެންދެވަމުން ޚަދޯރީ ކޮލެޖްއިން ދަނޑުވެރިކަން އުގެނުނެވެ. އެތަނުން ޑިޕްލޮމާ ޙާޞިލު ކުރެއްވި އެވެ. ޢައްޒާމް (\) އަކީ، ޢައްޒާމް (\) އާއި އެކުގައި އުޅުނު އެހެން ކުދިންނަށްވުރެ ޢުމުރުން ހަނގު ކުއްޖާ ކަމުގައިވީ ނަމަވެސް، ޢައްޒާމް (\) ވެގެންދިޔައީ އެކުދިންގެ ތެރެއިން އެންމެ ވިސްނުން ތޫނު އަދި އެންމެ މޮޅު ކުއްޖާގެ ގޮތުގައެވެ. ޚަދޯރީ ކޮލެޖުން ދަސްވެނިމި ވަޑައިގަތުމަށްފަހުގައި، އުރުދުންގެ ދެކުނުގައި އޮންނަ އައްދާރު ނަމަކަށް ކިޔުނު އަވަށެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވި އެވެ. އެއަށްފަހުގައި، ’ދިމިޝްޤު ޔުނިވާރސިޓީ‘ ގެ ޝަރީޢާ ކޮލެޖުގައި ބައިވެރިވަޑައިގެން، 1966 ގައި ޝަރީޢާގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލު ކުރެއްވިއެވެ. 1967 ވަނައަހަރު، ޔަހޫދީން ފަލަޞްޠީނުގެ ވެސްޓް ބޭންކަށް އަރައިގަތުމާއި ގުޅިގެން އުރުދުންއަށް ހިޖުރަ ކުރެއްވުމަށް ޝެއިޚް ޢަބްދު ﷲ ޢައްޒާމް (\) ނިންމެވި އެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އިސްރާއީލުގެ ޓޭންކުތަކުން ފަލަޞްޠީނުގެ ވެސްޓް ބޭންކުގައި އެނބުރެން ފެށުމުން، ހަނގުރާމަ ކުރުމަށްޓަކައި ބޭނުންވާ ހުނަރުތައް އުނގެނުމަށްޓަކައި އުރުދުންއަށް ހިޖުރަ ކުރެއްވުމުގެ ސާބިތުކަން އިތުރަށް ވަރުގަދަވިއެވެ.

1960 ވަނައަހަރުގެ ފަހުކޮޅުގައި، އުރުދުންގައި ހުންނަވައިގެން އިސްރާއީލުގެ އިސްތިޢުމާރީންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެދުވަސްވަރުގައި، މިޞްރުގެ އަލްއަޒްހަރު ޔުނިވާރސިޓީން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލު ކުރެއްވިއެވެ. 1970 ވަނައަހަރު ޖިހާދު ހުއްޓުމަކަށް އައުމާއި، ޕީއެލްއޯ އުރުދުން އިން ގަދަކަމުން ބޭރުކުރުމާ ގުޅިގެން، އައްމާންގައި ހުންނަ ’ޖޯޑޭނިއަން ޔުނިވާރސިޓީން‘ ޓީޗަރެއްގެ ވަޒީފާ ޚިޔާރުކުރެއްވެވި އެވެ. 1971 ވަނައަހަރު، ކައިރޯގެ އަލްއަޒްހަރު ޔުނިވާރސިޓީ އިން ސްކޮލާރޝިޕެއް ލިބިލެއްވިއެވެ. އަދި 1973 ވަނައަހަރު، އެޔުނިވާރސިޓީއިން އުޞޫލް ފިޤްހުގެ ދާއިރާއިން ޕީ.އެޗް.ޑީ ޙާޞިލު ކުރެއްވެވި އެވެ. ޝެއިޚް ޢައްޒާމް (\) މިޞްރުގައި ހޭދަކުރެއްވި ދުވަސްވަރުގައި ސައްޔިދު ޤުޠުބްގެ ޢާއިލާ ޢައްޒާމަށް އެނގިވަޑައިގެންނެވިއެވެ.

1973 ވަނައަހަރު މިސްރުން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވުމަށްފަހުގައި، އުރުދުންގެ ޔުނިވާރސިޓީގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. ނަމަވެސް ޝެއިޚް ޢައްޒާމްގެ ދީނީ ވިސްނުންފުޅުތަކުގެ ސަބަބުން އުރުދުންގައި ނޫޅެވި ސަޢޫދީ ޢަރަބިއާއަށް ބަދަލުވެވަޑައިގެންނެވިއެވެ. އަދި ޖިއްދާގައި ހުންނަ ކިންގް ޢަބްދުލް ޢަޒީޒް ޔުނިވާރސިޓީގައި ލެކްޗަރަރ އެއްގެ ވަޒީފާ އަދާކުރެއްވެވިއެވެ. އެތަނުގައި 1979 ވަންދެން ހުންނެވިއެވެ. ޝެއިޚް އުސާމާ ބިން ލާދިން ބޮޑުފުޅުވެވަޑައިގަތީ ޖިއްދާގައެވެ. އަދި 1976 އާއި 1981 އާއި ދެމެދުގައި ކިންގް އަބްދުލް ޢަޒީޒް ޔުނިވާރސިޓީގައި ދަރިވަރެއްގެ ގޮތުގައި އުޅުއްވިއެވެ. ޝެއިޚް ޢައްޒާމްއާއި ޝެއިޚް އުސާމާ ބިން ލާދިންއާއި ދެބޭފުޅުން ބައްދަލުވެލައްވާފައިވަނީ މިދުވަސްވަރުގައި ކަމަށް ލަފާކުރެވެއެވެ.

ޖިހާދާއި ގުޅިވަޑައިގަތުން:

1979 ވަނަ އަހަރު މިޞްރުގެ ޔުނިވަރސިޓީން ބޭރުކޮށްލެއްވުމާ ގުޅިގެން، އަފްޣާނިސްތާނުގައި ހިނގަމުންދާ ޖިހާދާއި ކައިރިވެ ވަޑައިގަތުމުގެ ގޮތުން ޕާކިސްތާނަށް ބަދަލުވެލެއްވި އެވެ. އެތަނުގައި ހުންނަވައިގެން، އަފްޣާނިސްތާނުގައި ހިނގަމުން ދިޔަ ޖިހާދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލެއްވި ވެރިންނާ ގާތްވި އެވެ. ޕާކިސްތާނުގައި ހޭދަކުރެއްވި ދުވަސްވަރުގެ ކުރީކޮޅުގައި، އިސްލާމް އާބާދުގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޓީޗަރެއްގެ ގޮތުގައި އުޅުއްވި އެވެ. އެންމެ ފަހުން، އަފްޣާނިސްތާނުގައި ކުރެވެމުން ދިޔަ ޖިހާދަށްޓަކައި ޝެއިޚް ޢައްޒާމްގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހުސްކުރެއްވުމަށްޓަކައި ޓީޗަރެއްގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއެވެ.

އަފްޣާން ޖިހާދުގެ ސަބަބުން ޢަބްދު ﷲ ޢައްޒާމްއަށް ނުހަނު ބޮޑު އަސަރުތަކެއް ކުރުވި އެވެ. އަދި އަފްޣާން ޖިހާދަށްވެސް ޢައްޒާމްގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރުވި އެވެ. އެކަމަކަށްޓަކައި ޢައްޒާމްގެ ހުރިހާގެ ވަގުތެއް ހުސްކުރެއްވި އެވެ. އަދި އެންމެފަހުން، އަފްޣާން ޖިހާދުގެ އަމީރުންގެ އިތުރުން އެޖިހާދުގައި އެންމެ ފާހަގަ ކުރެވުނު ޝަޚްޞިއްޔަތަކަށް ޝެއިޚް ޢައްޒާމްވިއެވެ. މުޅި ދުނިޔެއަށާއި ޙާއްޞަގޮތެއްގައި އިސްލާމީ އުއްމަތަށް އަފްޣާނިސްތާނުގެ ހަނގުރާމަ ތަޢާރަފުކޮށްދެއްވުމަށްޓަކައި އެއްވެސް ވަގުތެއް ބޭކާރު ނުކުރައްވަ އެވެ. އަފްޣާނިސްތާނުގެ ޖިހާދާއި ބެހޭގޮތުން މީސްތަކުންގެ ވިސްނުން ޝެއިޚް ޢައްޒާމް (\) ބަދަލުކުރެއްވެވިއެވެ. އަދި ޖިހާދު އޭގެ ގޮތުގައި ދެއްކެވިއެވެ. އޭގެ ސަބަބުން ދުނިޔޭގައިވާ ހުރިހާ މުސްލިމުންނަށް އެކަމާމެދު ވިސްނަންޖެހޭ ފަދަ މޭރުމަކުންނެވެ. ޝެއިޚް ޢައްޒާމްގެ މަސައްކަތްޕުޅުގެ ސަބަބުން، އަފްޣާން ޖިހާދު މަޝްހޫރުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ހަނގުރާމަކުރުމަށްޓަކައި އައެވެ.

އަފްޣާނިސްތާނުގެ ޖިހާދުގައި ޝެއިޚް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން، ތަހުޒީބީ ދުވަސްވަރެއްގައި ޖިހާދުގެ ހަރަކާތުގެ އެންމެ މުހިއްމު ތަނބުކަމުގައި ޝެއިޚް ޢައްޒާމް (\) ވެގެންދިޔައެވެ. ޖިހާދުގައި، ޢައްޒާމްގެ ޢަމަލީ މިންނަތާއި އަދި ޖިހާދު ތަޢާރަފު ކުރެއްވުމަށްޓަކައި ޢައްޒާމް (\) އަމިއްލަގޮތުން ޙާޞިލު ކުރެއްވި ކުރިއެރުންތަކުގެ ސަބަބުން ޖިހާދުގެ މަގުގައި އަރާފައިވާ އޮޅުންބޮޅުމާއި ނުރަނގަޅު ވިސްނުންތައް ސާފުވެގެން ދިޔައެވެ. އަދި ޖިހާދުގެ ގޮވާލުމަށް އިޖާބަދިން އަނެއް ޖީލު ތަބަޢަވާ މިސާލެއްކަމުގައި ވިއެވެ.

1980 ވަނައަހަރުގައި، ޝެއިޚް ޢައްޒާމް (\) މެދު އިރުމައްޗަށާއި، ޔޫރަޕަށާއި އަދި އުތުރު އެމެރިކާއަށް ދަތުރު ކުރެއްވެވިއެވެ. މީގެ ތެރޭގައި އެމެރިކާގެ 50 ސިޓީއެއް ހިމެނުނެވެ. މިދަތުރުފުޅަކީ ޖިހާދަށްޓަކައި ފައިސާ އެއްކުރެއްވުމާއި ޖިހާދުގެ ދަޢުވާ ފެތުރުއްވުމެވެ.
ޢިލްމީ ޚިދުމަތްތައް:

1- ޑިފެންސް އޮފް މުސްލިމް ލޭންޑްސް (އިސްލާމީ ބިންތަކުގެ ދިފާޢުގައި)، 1979
2- ޖޮއިން ދަ ކެރަވަން، 1991- 1987
3- ދަ ލޮފްޓީ މައުންޓަން (އަފްޣާން ޖިހާދުގެ ޢިލްމުވެރިއެއްކަމުގައިވާ ޝެއިޚް ތަމީމް އަދްނާނީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ފޮތެއް)
4- ދަ ސައިންންސް އޮފްދަ މާރސިފުލް އިންދަ ޖިހާދު އޮފް އަފްޣާން (އަފްޣާން ޖިހާދުގައި ތަޖުރިބާކޮށްފައިވާ ސަތޭކަ އެތައް ކަރާމާތްތެރި ވާހަކަތައް އެކުލެވިގެންވާ)
5- ލަވަރސް އޮފް ދަ ޕެރެޑައިސް މެއިޑެންސް (މިފޮތުގައިވަނީ އަފްޣާން ޖިހާދުގައި ޝަހީދުވެ ގޮސްފައިވާ 150 މުޖާހިދުންގެ ވަނަވަރާއި ވާހަކަތަކެވެ.)

އެއްފަހަރެއްގައި ޝެއިޚް ޢައްޒާމް (\) ވިދާޅުވިއެވެ.”އަހަންނަށް އިޙްސާސް ކުރެވެނީ އަހަންނަށް އެންމެ ނުވަ އަހަރު ހެންނެވެ. އަފްޣާން ޖިހާދުގައި 7 އަހަރާއި ބައި، ފަލަޞްޠީނުގައި ކުރެވުނު ޖިހާދުގައި ދޮޅު އަހަރެވެ، އަދި ބާކީ އަހަރުތަކުގައި އެއްވެސް ފައިދާއެއް ނެތެވެ.“ ސުބުޙާނަ ﷲ

ޝަހީދުވެވަޑައިގަތުން:

1989 ވަނައަހަރުގެ ނޮވެމްބަރ 24 ވީ ހުކުރުދުވަހު، ޕާކިސްތާނުގެ ޕިޝާވަރުގައި، ޢަބްދު ﷲ ޢައްޒާމް (\) އާއި ދެފިރިހެން ދަރިކަލުން ކަމުގައިވާ މުޙައްމަދާއި އިބްރާހީމް ގޮވައިގެން ހުކުރު ނަމާދަށް ދިޔަ މަގުމަތީގައި ރިމޯރޓް ކޮންޓްރޯލް ބޮމަކުން ދެވުނު ޙަމަލާއަކުން ޝެއިޚް ޢައްޒާމް (\) ޝަހީދުވެވަޑައިގެންނެވި އެވެ. ކާރުގޮވިލެއް ބާރުކަމުން، ހަލަބޮލި މަގުމަތީގެ އެތައް މިތަނަށް ކާރުގެ ބައިތައް ކުދިކުދިވެގެން ބުރަބުރައިގެންގޮސްފައި ވެއެވެ. ގޮއްވާލުމުގެ ބާރުގަދަ ކަމުން، ޝެއިޚް ޢައްޒާމްގެ ދެދަރިކަލުންގެ ހަށިގަނޑުގެ ބައިތައް ހާދިސާ ހިނގިތަނުން ފެށިގެން 100 މީޓަރު ދުރަށް ބުރައިގެންގޮސްފައި ވެއެވެ. އަދި އެއްކުއްޖެއްގެ އެއްފައި ފޯނުލައިނެއްގައި އެލިފައި އޮތެވެ. އެހެންނަމަވެސް، ﷲ ތަޢާލާ މަތިވެރިވަންތައެވެ! ގޮއްވާލުމުގެ ސަބަބުން ޝެއިޚްގެ ގުނަވަންތައް އެއްވެސް ގޮތަކަށް ވަތްކެއް ނުވެއެވެ. އަދި ޝަހީދުވެފައިވަނީ އެތެރެއަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ. އެވަގުތު އެތަނުގައި ތިބި ގިނަ ބަޔަކު، ޝެއިޚް ޢައްޒާމްގެ ހަށިކޮޅުން ގޮމަކަސްތޫރީގެ މީރުވަސް ދުވިކަން ކަށަވަރުކޮށްދިނެވެ. ސުބުޙާނަ ﷲ.

ޝެއިޚް ޢަބްދު ﷲ ޢައްޒާމާއި، ޢައްޒާމްގެ ދެދަރިކަލުން ފަސްދާނުލެވުނީ ޝުހަދާއިންގެ ޕާބީ ގަބުރުސްތާނުގައެވެ. އެތަނުގައި ޝެއިޚް ޢައްޒާމް (\) އެތައްހާސް ޝުހަދާއިންނާއި ބައިވެރިވަޑައިގެންނެވި އެވެ.

[…وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَنْ يُضِلَّ أَعْمَالَهُمْ]
”އަދި ﷲގެ މަގުގައި ޤަތުލުވީ މީހުން ފަހެ، އެބައިމީހުންގެ ޢަމަލުތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެއެވެ. (ސޫރަތުލް މުޙައްމަދު 4)

”ހަމަކަށަވަރުން، އެހެން މީސްތަކުން އަތުން މުސްލިމުންނެއް ބަލިކޮށެއް ނުލެވޭނެއެވެ. ޢަދުއްވުންގެ އަތުން އަހަރެމެން މުސްލިމުން ބައްޔެއް ނުވެއެވެ. އެހެނެއްކަމަކު، އަހަރެމެން ބަލިވެފައިވަނީ އަހަރެމެންގެ އަމިއްލަ ނަފްސުތަކުންނެވެ.“ -ޝެއިޚް ޢަބްދުﷲ ޢައްޒާމް (\) –

ޝެއިޚް ޢަބްދު ﷲ ޢައްޒާމް (\) އިސްލާމްދީނާއި މުސްލިމުންނަށް ކޮށްދެއްވި ދީނީ ގިނަގުނަ ޚިދުމަތްތަކަކީ އިޚްލާޞްތެރި ޢަމަލު ތަކެއްގެ ގޮތުގައި ﷲ ތަޢާލާ ޤަބޫލުކުރައްވާ، އަދި ޝެއިޚުގެ ޝަހާދަތު ޤަބޫލުކުރައްވާ ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.

އަޞްލު: www.domainislam.com

ޙިޔާލު ހުށަހެޅުއްވުމަށް....