ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައިވާ ރަނުގެ އަސާސްތައް

al_140515_dharintharubiyatދަރިފުޅުގެ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ، ތަރުބިއްޔަތު އަދި ރިވެތި އަޚްލާޤް އަށަގެންނެވުން..

ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ހަރުދަނާ ފައިދާ ކުރަނިވި އުޞޫލެއް ގެންގުޅުމަކީ ވަރަށް މުހިންމު ފައިދާ ކުރަނިވި ކަމެކެވެ. އެހެނީ، ދަރިންނަކީ ﷲ ގެ ހަޟްރަތުން މައިންބަފައިންނަށް ދެއްވިގެންވާ އަމާނާތެކެވެ. އަދި އެކުދިންގެ ހިތަކީ ރިވެތި، ސާފް އަދި އާދައިގެ ލޯގަނޑެކެވެ. އެހިތަކީ އެންމެހާ ބައްޓަން ތަކާއި ގޮތްތަކުން ބަރީޢަވެގެންވާ އެއްޗެއްކަމުގައި ވިޔަސް އެހިތަކީ ހުރިހާ ވައްތަރެއްގެ ކަންތައްތަކަކުން ނުފޫޒު ފޯރާފަދަ އެއްޗެކެވެ. އަދި އެހެން މީހުން އެދޭ ފަދަ ކޮންމެ ގޮތަކަށް އެހިތް ލަންބުވައި ލެވިދާނެއެވެ.

އެހެންކަމުން، ރިވެތި އަޚްލާޤް އެކުއްޖެއްގެ ކިބައިގައި އަށަގަނުވާ އަދި ޢިލްމުގެ އަލީގައި އެކުއްޖަކަށް އިރުޝާދުދެވިފައިވާ ނަމަ، އެފަދަ ފުރިހަމަ ތަރުބިއްޔަތެއްގެ ލިބުމުގެ ސަބަބުން އެކުއްޖަކަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލްކުރެވޭނެއެވެ. މިކާމިޔާބީގައި، ކުއްޖާގެ މައިންބަފައިންނާއި މުދައްރިސުންނަށް އެކުއްޖާ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ސަބަބުން ﷲ ގެ ޙަޟްރަތުން އަޖުރު ލިބޭނެއެވެ. އަދި ކުއްޖާގެ ކިބައިގައި ނުރަނގަޅު އަޚްލާޤް އަށަގެންފައިވެ ރަނގަޅު ތަރުބިއްޔަތެއް ދެވިފައި ނުވެ ޖަނަވާރުން ފަދައިން އަޅާލުމެއް ނެތި ދޫކޮށްލެވިފައިވާ ނަމަ އެފަދަ ކުއްޖަކު ވެގެން ދާނީ ގެއްލެނިވެގެންވާ ކުއްޖެއް ކަމުގައެވެ. އެފަދަ އަޅާލުން ކުޑަކަމުގެ ފާފަ އެކުއްޖެއްގެ ބަލަދުވެރިޔާ ނުވަތަ އަޅާލާ މީހާގެ މައްޗަށް ވާނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

¢يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا£
އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި ތިޔަބައިމީހުން ދަރިން ނަރަކައިން ސަލާމަތްކުރާށެވެ.
( ތަޙްރީމް: 11)

މިދުނިޔޭގެ އަލިފާނުން އެދަރިފުޅު ސަލާމަތް ކުރުމަށް އެކުއްޖާގެ ބައްޕަ މަސައްކަތް ކުރާ ފަދައިން އެބައްޕައެއްގެ މައްޗަށް އެންމެ އިސްވެގެންވަނީ ނުވަތަ ވާޖިބުވަނީ އޭނާގެ ދަރިފުޅު ޤިޔާމަތްދުވަހުގެ ގަދަފަދަ އަލިފާނުން ސަލާމަތް ކުރުމެވެ. އަދި މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ އޭނާ، އޭނާގެ ދަރިފުޅަށް އަޚްލާޤާއި، އެންމެ މަތިވެތި އުޞޫލުތައް ދަސްކޮށް ދިނުމާއި ނުރަނގަޅު ބައިވެރިންނާއި ރަޙްމަތްތެރިންގެ ކިބައިން ސަލާމަތް ކުރުމެވެ. އަދި ޖިސްމާނީ ރީތި ކަމާއި، ރިވެތި ވެގެންވާ ފޭރާމާއި، ގަހަނާއި އަދި ޖިސްމާނީ ފަސޭހަކަން ފަދަ ކަންތައްތަކަށް އެދުންވެރިވުން އެކުއްޖެއްގެ ހިތުގައި އަށަގަންނުވައިގެން ނުވާނެއެވެ. އެހެން ނޫންނަމަ، އެކުއްޖާ ބޮޑުވެ ފުރާވަރަށް އެރުމަށްފަހުގައި، އޭނާގެ އަގުހުރި ޙަޔާތް އެފަދަ ނިކަމެތި ކަންތައްތައް ޙާޞިލް ކުރުމަށްޓަކައި ބޭކާރު ކުރާނެއެވެ. އަދި އެކަންތައްތަކުގެ ތެރޭގައި އޭނާ އަބަދުގެ އަބަދަށް ހަލާކުވެގެން ދާނެއެވެ. އޭގެ ބަދަލުގައި، އެކުއްޖެ ބައްޕަގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއްޖާގެ އެންމެ ޅައުމުރުއްސުރެ އެކުއްޖާ ފަރުވާތެރިކަމާއިއެކު ބަލަހައްޓާ ތަރުބިއްޔަތުކޮށް އެކުއްޖާއަށް އަޅާލުމެވެ.

ހުއްދަ ޙަލާލް ކާތަކެތީގެ މުހިންމުކަން

މަންމަ ނެތް ޙާލަތެއްގައި، ކުދިން ތަރުބިއްޔަތު ކުރުމާއި ކުދިންނަށް ބުއްދިނުމަށްޓަކައި ރަނގަޅު އަޚްލާޤު ލިބިގެންވާ އަދި ޙަލާލް ރަނގަޅު ކާތަކެތި ކައިބޮއެ ހަދާ ދީނީ އަންހެނަކު އިޚްތިޔާރު ކުރަންޖެހޭނެ އެވެ. އެހެނީ ޙަލާލް ނޫން ކާތަކެތިން ކެއުމަށްފަހު ލިބޭ ކިރުގައި އެއްވެސް ހެޔޮކަމެއް އަދި ބަރަކާތެއް ނުވެ އެވެ. އޭގެ ބަދަލުގައި، ދަރިފުޅު ބޮޑުކުރެވެނީ ޙަލާލް ނޫން ތަކެތި ކައިގެން ލިބޭ ކިރުން ކަމުގައިވާ ނަމަ ނުބައި ޝައިޠާނީ ކަންތައްތައް އެ ކުއްޖާގެ އެތެރެހަށީގައި އަށަގަންނާނެ އެވެ. އަދި އޭގެ ސަބަބުން، ޝައިޠާނީ ނުބައި ޢަމަލުތަކަށް ކުއްޖާ ލެނބޭނެ އެވެ. ކުއްޖާއަށް ހެވާއި ނުބައި ވިސްނޭވަރު ވެއްޖެކަން މައިންބަފައިންނަށް ވިސްނުމާއިއެކު، އެކުއްޖާއަށް ފުރިހަމަ ތަރުބިއްޔަތު ދޭން ފަށަންޖެހޭނެ އެވެ. ދަރިފުޅުގެ ޙަޔާތުގެ މިދުވަސްވަރު ފާހަގަވެގެންދަނީ ލަދުވެތިކަމާއި އަބުރުވެރި ކަމުގެ ފުރަތަމަ ސިފަތައް ފެނިގެންދާ ދުވަސްވަރު ކަމުގައެވެ. އަދި ކުއްޖާއަށް އޭނާގެ ޤަދަރާއި ޢިއްޒަތް ވިސްނި ލަދުވެތިވާން ފަށައެވެ. އަދި މި ލަދުވެތި ކަމުގެ ސަބަބުން ބައެއްކަހަލަ ކަންތައްތައް ކުރުމުން އެކުއްޖާ ދުރުހެލި ވެއެވެ. އަދި މިއީ އެ ކުއްޖާގެ ކިބައިގައިވާ ވިސްނުން ތޫނުކަމުގެ އަލިކަމުގެ ނަތީޖާ އެވެ. އަދި ވިސްނުން ތޫނުކަމުގެ އަލި ފާޅުވާ މިންވަރަކީ، ކުއްޖާގެ ނަޒަރުގައި ބައެއް ކަންތައްތައް ރަނގަޅުވެފައި އަނެއްބައި ކަންތައްތައް ނުބައި ކަމުގައި ވާން ފެށުމެވެ. އަދި ބައެއް ކަންތައްތަކާއިމެދުގައި ލަދުވެތި ވެއެވެ. އަދި މިފަދައިން ލަދުވެތިކަން އިޙްސާސް ކުރެވުން މިއީ މަތިވެރިވަންތަ ﷲގެ ޙަޟްރަތުން ލިބިގެންވާ ނުހަނު ބޮޑު ރަޙްމަތެކެވެ. އަދި މި ސިފައިން ދައްކުވައިދެނީ އެ ކުއްޖާގެ ކިބައިގައިވާ އަޚްލާޤީ މިންގަޑުގެ މެދުމިނާއި ހިތުގައިވާ ޠާހިރުކަމެވެ. އޭގެ ބަދަލުގައި އަހަރުމެން ވިސްނަންވީ ހެވާއި ނުބައި ވަކިކުރުމުގެ ކުޅަދާނަކަން ކުއްޖާއަށް ލިބިގެންވުން މިއީ ﷲގެ ޙަޟްރަތުން ޤުދުރަތީ ގޮތުން ލިބިގެންވާ އުފާވެރި ކަމެއްކަމާއި އަދި މި ކުއްޖާ ބޮޑުވެ ފުރާވަރަށް އެރުމުން ފުރިހަމަ ވިސްނުން ލިބޭނެ ކަމަށެވެ. ލަދުވެތިކަން ލިބިގެންވާ ކުއްޖަކު މިނިވަންކަމާއިއެކުގައި ދޫކޮށްނުލާންވީ މި ސަބަބާއި ހެދިއެވެ. އެކުއްޖާގެ ލަދުވެތިކަމާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ ކުޅަދާނަކަން ބޭނުންކޮށްގެން ފުރިހަމަ ތަމްރީން ދޭން ޖެހޭނެ އެވެ.

ކެއުމުގެ އަދަބުތައް ބަޔާންކޮށްދިނުން

ކުއްޖާގެ ކިބައިގައި ފުރަތަމަ އަށަގަންނަ ނުބައި އެދުމަކީ ގިނައިން ކެއުމަށް ދަހިވެތިވުމެވެ. އެހެންކަމުން، ކެއުމުގެ އަދަބުތައް ކުއްޖާއަށް ދަސްކޮށްދިނުމަކީ ނުހަނު މުހިންމުކަމެކެވެ.

މިސާލެއްގެ ގޮތުން ކެއުމުގެ ރީތި އަދަބުތަކަކީ، ކަނާތުން ކެއުމާއި، ފެށުމުގެ ކުރިން ބިސްމި ކިޔުމާއި، ކާތަށީގެ މެދުން ނުކެއުމާއި، އެހެން މީހުން ކާން ފަށަން ދެން ނުކައި މަޑު ކުރުމާއި، އެހެން މީހުން ކާން ފެށުމުން ކާއެއްޗެއްސާއި ދިމާލަށް ނުބެލުމާއި، ކާން ތިބޭ މީހުންނާއި ދިމާލަށްވެސް ނުބެލުމާއި، ބޭނުމެއް ނެތް ގޮތެއްގައި އަވަސް އަރުވާލައިގެން ނުކެއުމާއި، ކާއެއްޗެހި ރަނގަޅަށް ހަފައިގެން ކެއުމާއި، އަވަސް

އަރުވާލައިގެން ގިނަ މިންވަރެއް އަނގަޔަށް ނުލުމާއި އޭގެ ބަދަލުގައި ލަސްލަހުން ކެއުމާއި، ކާއެއްޗެހި ގަޔަށް އަޅައި، އޭގެން ހެދުމާއި އަތް ހަޑިނުކުރުން ފަދަ ކަންތަކެވެ.

ބައެއްފަހަރު ކުއްޖާއަށް ހަމައެކަނި ޕާން އެކަނި ދޭންޖެހޭނެ އެވެ. އެއީ ކޮންމެ ފަހަރަކު ޕާން ނުވަތަ ރޮއްޓާއިއެކު ރިހަ ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ވިސްނިޔަ ނުދިނުމެވެ. ހަމައެއާއިއެކު، ގިނައިން ކެއުމުގެ ނުރަނގަޅު ކަމުގެ މައްޗަށް ކުއްޖާއަށް ނަޞޭޙަތްތެރިވާންޖެހޭނެއެވެ. އަދި ހައްދުފަހަނަޅާ ވަރަށް ކާ މީހުންނާއި ޖަނަވާރުންނާއި އެއްފަދަ ކުރަންޖެހޭނެ އެވެ. އަދި ގިނައިން ކާ ކުދިންނަށް ނުބެލުމަށް ކުއްޖާއަށް ނަޞޭހަތްދޭންޖެހޭނެ އެވެ. އަދި އޭގެ ބަދަލުގައި، މަދުން ރިވެތި ގޮތުގައި ކާ ކުދިންނަށް އެ ކުއްޖާގެ ކުރިމަތީގައި ތަޢުރީފް ކުރަންޖެހޭނެ އެވެ. އެ ކުއްޖާގެ ރަޙްމަތްތެރިންނަށް އަޅާލުމުގެ ގޮތުން، އެ ކުއްޖާއަށް ވުރެ ނިކަމެތި އެހެން މީހުންނަށް ކާއެއްޗެހި ދީ ހެދުމަށް އެ ކުއްޖާގެ ޝައުޤުވެރިކަން އަނބުރަންޖެހޭނެ އެވެ. ކުއްޖާގެ ކިބައިގައި އަށަގަންނުވަންޖެހޭނީ މޮޅެތި ކާއެއްޗެއްސާއި މެދުގައި އެހާ ސަމާލުކަން ނުބަހައްޓާ އާދައިގެ ކާއެއްޗެއްސާއިމެދު ރުހިގެން ވުމުގެ އާދައެވެ.

މަޞްދަރު: އަބޫ މުޙައްމަދު އަލް-ޣަޒާލީ Jannah.Org

ޙިޔާލު ހުށަހެޅުއްވުމަށް....