ﷲ އަށް އީމާންވުމުގެ ބަޔާން-1

އިސްކޮށް ބަސްހުޅުވައިލުން

الحمد لله أولاً و آخراً وظاهراً وباطناً

وأشهد أن لا له لا الله وحده لا شريك له وأشهد أن محمداً عبده ورسوله

أما بعد :

ހަމަކަށަވަރުން އިންސާނާ ވުޖޫދުގައިވުމުގެ މަޤްޞަދަކީ އޭނާ އޭނާގެ ވެރި ރައްބު، ﷲ ` އަށް އެކަނި އަޅުކަންކުރުމަށެވެ. އެއީ އެއިލާހަށް އެއްވެސް ފަރާތެއް ބައިވެރި ކުރުމަކާ ނުލައެވެ. އެއިލާހު ` ވަޙީކުރެއްވިއެވެ:

[وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُون]

މާނައީ: ([ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ]) [سورة الذاريات: 56].

އެއިލާހު ` އަދިވެސް ވަޙީކުރެއްވިއެވެ:

[وما أمروا إلا ليعبدوا الله مخلصين له الدين حنفاء]

މާނައ: ([ޙަނީފްވެގެންވާ ޙާލު، އެބަހީ ބާތިލު މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން ޚާލިޞް ކުރާ ޙާލު، اللَّه އަށް އަޅުކަންކުރުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ.])[البينة: 5]

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ:

[فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لا تَبْدِيلَ  لِخَلْقِ اللَّهِ  ذَلِكَ  الدِّينُ  الْقَيِّمُ  وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ]

މާނައީ:([ޙަނީފްވެގެންވާ ޙާލު، އެބަހީ ބާތިލު މަގުން އެއްކިބާވެ، ޙައްޤު ގެ މަގަށް ތަބާވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމް ދީނަށް ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޡުރަރެއްގެ މައްޗަށް އުފެއްދެވި اللَّه ގެ ފިޡުރަތެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ]) [الروم: 30].

އަދި ޤުދްސީ ޙަދީޘެއްގައިވެއެވެ. ﷲ ` ވަޙީކުރެއްވިއެވެ: إِنِّي خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ ، فَاجْتَالَتْهُمْ عَنْ دِينِهِمْ وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ ، وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا رواه مسلم

މާނައީ، “ހަމަކަށަވަރުން، ތިމަން ﷲ ތިމަން އިލާހުގެ އެންމެހާ އަޅުތަކުން ޚަލްޤުކުރެއްވީ ޝިރްކު ނުކުރާ ސާފު ސީދާ ބައެއްގެ ގޮތުގައެވެ. ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ޝައިޠާނާ އައިސް އެބައިމީހުންގެ ދީން ބަދަލު ކުރުވިއެވެ. އަދި ތިމަން ﷲ ޙަލާލު ކުރެއްވި ކަންތައް ޙަރާމް ކުރުވިއެވެ. އަދި އެއެއްޗަކަށް އެއްވެސް ޙުއްޖަތެއް ދެއްވާފައިނުވާ ތަކެއްޗަށް ތިމަން ﷲ އަށް ޝަރީކު ކުރުމަށް އެބައިމީހުންނަށް އަމުރު ކުރިއެވެ.”

ފަހެ މީސްތަކުން އެބައިމީހުންގެ ސާފު ފިތުރަތުކަމުގައިވާ، ޚާލިޞް ތަޥްޙީދުން ދުރުކުރުވުމަށް އިންސިންނާއި ޖިންނިންގެ ތެރޭގައިވާ ޝައިޡާނުންދަނީ ތާއަބަދު މަސައްކަތްކުރަމުންނެވެ. އެބައިމީހުންނަށް ﷲ ނޫން ފަރާތްތަކަށް އަޅުކަން ކުރުމަށް އަމުރުކުރަމުންނެވެ. ފަހެ، ﷲ ނޫން ފަރާތްތަކަށް ރުކޫޢާއި ސަޖިދަކުރުމަށް ޒީނަތްތެރި ކުރުވައެވެ. އެކަން ކާމިޔާބު ނުކުރެވިއްޖެނަމަ، ދުޢާކުރުމާއި މަދަދަށް އެދުމުގައި ﷲ ނޫން ފަރާތްތައް ބައިވެރިކުރުމަށް ޒީނަތްތެރިކުރުވައެވެ. އަދި އެކަން ކާމިޔާބު ނުވެއްޖެނަމަ ވަކީލު ކުޅައުމާއި ބިރުވެތިވުމުގައި ﷲ އަށް ޝިރްކުރުން ޒީނަތްތެރި ކުރުވައެވެ. އެކަން ކާމިޔާބު ނުވެއްޖެނަމަ، ކިޔަމަންވުމާއި ބޯލެނބުމާއި ތަބާވުމުގައި ޝިރްކުކުރުން ޒީނަތްތެރި ކުރުވައެވެ. އެކަން ކާމިޔާބު ނުވެއްޖެނަމަ، ޙުކުމް ހޯދުމާއި، ޙަލާލް ކުރުމާއި ޙަރާމް ކުރުމުގައި ޝިރްކުކުރުން ޒީނަތްތެރިކުރުވައެވެ…އިސްވެދިޔަ ޤުދްސީ ޙަދީޘް ބަސްފުޅުގެ މުރާދަކީ މިއީއެވެ.

ދެންފަހެ، ތަޥްޙީދަކީ އެއީ އިސްލާމްގެ އަސާސްއެވެ. ބިންގަލެވެ. އަޞްލެވެ. ފަހެ، އެދީނުގެ އެންމެހާ، ޙުކުމްތަކާއި، އަމުރުތަކާއި، ނަހީތައް ބިނާވަނީވެސް އޭގެ މައްޗަށެވެ.

ފަހެ މުސްލިމަކީ ﷲ އަށް އަޅުކަން ކުރާ މީހާއެއް ނޫނެވެ. އެހެނެއްކަމަކު މުސްލިމަކީ އެއީ ﷲ އަށް އެކަނި އަޅުކަން ކުރާ މީހާއެވެ. އެއީ ﷲ އެއްކައުވަންތަ ކުރާ މީހާއެވެ. ހުރިހާ ގޮތަކުންނެވެ. ރައްބުވަންތަކަމުގައެވެ. އިލާހުވަންތަކަމުގައެވެ. ޙުކުމްކުރުމާއި ޙުކުމް ހޯދުމުގައެވެ. އެއިލާހުގެ މަތިވެރިވެގެންވާ ޞިފަފުޅުތަކާއި ރިވެތިވެގެންވާ ނަންފުޅުތަކުގައެވެ. ޙުކުމްކުރުމާއި ޙުކުމް ހޯދުމުގައެވެ.

ހިތާމަޔަކީ، މީސްތަކުންގެ ގިނަ ބަޔަކުވަނީ މިމަތިވެރިވެގެންވާ އަޞްލާއި މެދު ޣާފިލުވެފައެވެ. އަދި ހިތާމަތަކުގެ މައްޗަށް އޮތް ފުން ހިތާމަޔަކީ، މުސްލިމުންކަމަށް ދައުވާ ކުރާ ގިނަ މީހުންގެ ޙާލަކީވެސް މިއީއެވެ. لا اله الا الله ގެ މާނައަކީ ކޮބާކަމެއް ނުދަނެއެވެ. އޭގެ ރުކުންތަކާއި ޝަރުޡުތަކެއްވެސް ނުދަނެއެވެ. އެބައިމީހުންގެ ޢަމަލުތައް ގިނަ ފަހަރު ހުންނަނީ އެއާއި ދިމާ އިދިކޮޅަށެވެ. އަދި ކިއެއް ދީނުން ބޭރުވާއިރުވެސް ދީނުން ބޭރުވިކަމެއްވެސް ނޭނގެއެވެ. އެކަލިމަ ކިޔަނީ ރަށު އެންމެންވެސް ކިޔާތީއެވެ. މައިންބަފައިންގެ ފަރާތުން ވާރުތަވީތީއެވެ.

އެހެންކަމުން، ﷲ ` ގެ ޙަޟްރަތަށް ވާގިއާއި މަދަދަށް އެދޭ ޙާލު، ﷲ އަށް އީމާންވުމުގެ ބަޔާނުގެ ނަމުގައި، ތަޥްޙީދުގެ ބާބުން ކުޑަ މިންވަރެއް ނަމަވެސް ލިޔެ ބަޔާން ކުރެވޭތޯ ގަދަ އަޅައި ފަށައިގަންނަމެވެ. وباالله التوفيق

وآخر دعواي أن الحمد لله رب العالمين .

 

ޙިޔާލު ހުށަހެޅުއްވުމަށް....