ޑިމޮކްރަސީއަކީ ސާފު ކުފުރާއި ޝިރުކު އެކުލެވޭ ނިޡާމެއް

(މިލިޔުމަކީ [ބިލާހެއް] މިފޮތުން ނެގިފައިވާ ލިޔުމެކެވެ. )

ޑިމޮކްރަސީއަކީ ﷲ` ގެ ޙުކުމްފުޅު ނޫން އެހެން ބައެއްގެ ޙުކުމްތަކެއް ހެދޭ އަދި ތަންފީޛު ކުރެވޭ ނިޡާމެކެވެ. އޭގެ ސަބަބުން ސީދާ ކުފުރާއި ޝިރުކު އޭގައި އެކުލެވެއެވެ. މިހާރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޡާމަކީ ޑިމޮކްރަސީކަމަށްވެ، ޑިމޮކްރަސީއަކީ ވެރިކަންކުރެވޭ ގޮތުގެ އަޞްލު ކަމުގައިވުމުން މިރާއްޖޭގައި ކުރެވެނީ އިސްލާމީ ވެރިކަމެކޭ، އެވެރިކަން ކުރެވެނީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށޭ ބުނުމުގެ މިޘާލަކީ “އަހުރެންނަކީ ކާފަރެއް” ކަމަށް އަމިއްލައަށް ބުނާ މީހެއްގެ ޙަޤީޤަތަކީ އިސްލާމްކަމޭ ބުނުން ފަދަ ހަމަނުޖެހޭ ވާހަކައެކެވެ. އެހެނީ އިސްލާމްކަމުގެ އަސާސުގައި ވެރިކަންކުރުމާއި ޙުކުމްކުރުމާއި ޙުކުމްކަނޑައެޅުމަކީ އުލޫހިއްޔަތު (ނުވަތަ އިލާހުވަންތަކަމުގައި) ގުޅިފައިވާ ﷲ` އަށް ޚާއްޞަވެގެންވާ ކަންކަމެވެ. މިކަންކަމުގައި ﷲ` ޙައްޤުގޮތުގައި އެއްކައުވަންތަ ނުކުރުމަކީ ކުފުރާއި ޝިރުކު ކުރެވޭ ގޮތެކެވެ.

ތަޢާރަފް

ޑިމޮކްރަސީއަކީ ކުފުރާއި ޝިރުކު އެކުލެވިގެންވާ ނިޡާމަކަށްވާ ސަބަބުތަކަށް ބަލައިލުމުގެ ކުރިން ޑިމޮކްރަސީގެ ކުރު ތަޢާރަފަކަށް ބަލައިލަމާހެއްޔެވެ. އަޞްލާއި ތާރީޚަށް ބަލާއިރު، ޔޫނާނީ ބަހުގެ ދެލަފުޡެއް އެކުވެގެން އުފެދިފައިވާ ކަލިމައެއް ކަމުގައިވާ “ޑިމޮކްރަސީ” ގެމާނައަކީ [މީހުންގެ ވެރިކަމެވެ]. ޑިމޮކްރަސީއަކީ ޤަދީމީ ވެރިކަމުގެ ނިޡާމެކެވެ. މިނިޡާމަކީ މުއައްރިޚުން ފާހަގަކުރާ ގޮތުގައި މިލާދީ ސަނަތުން އަހަރު ގުނުމުގެ 508 އަހަރުކުރިން  ‘އެތެންސް’ ގައި ‘ކްލައިސްތަނީސް”ގެ ޒަމާނުގައި އުފެދުނު ވެރިކަމުގެ ނިޡާމެކެވެ. މިއީ ނަބީ؛ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 1078 އަހަރު ކުރިއެވެ. ބައެއް މުއައްރިޚުން ދެކޭގޮތުގައި އޭގެ ކުރީގައިވެސް ޑިމޮކްރަސީ ނިޡާމަށް ވެރިކަން ކޮށްފައިވެއެވެ. ކޮންމެއަކަސް، މިނިޡާމުގެ އަޞްލަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ނުވީނަމަވެސް، މިއަދާއި ޖެހުން އިރު، މިވެރިކަމުގެ މަފްހޫމުވަނީ ވަރަށް ފުޅާދާއިރާއެއްގައި ތަރައްޤީކުރެވިފައެވެ.

އަސާސީ ގޮތުން ޑިމޮކްރަސީ އަކީ [މީހުންނަށްޓަކައި، މީހުންގެ ފަރާތުންކުރާ، މީހުންގެ ވެރިކަމެކެވެ]. ނަމަވެސް އެކި މީހުންގެ ވިސްނުމާއި ފިކުރު ތަފާތުވާ ކަމަށްޓަކައި ޑިމޮކްރަސީއަކީ އެންމެން ބޭނުންވާ ގޮތަށް ސީދާ ވެރިކަން ކުރެވޭނެ ގޮތެއް ނޫނެވެ. އެކަމުގެ ޙައްލެއްގެ ގޮތުގައި، އެނިޡާމުގައި ކަނޑައެޅިފައިވަނީ އޭރަކު ތިބި އެންމެ ގިނަބަޔަކު ބޭނުންވާ ގޮތަކަށް ވެރިކަން ކުރުމެވެ.

ޑިމޮކްރަސީ ނިޡާމުގެ އެކި ފަރުޢުތައް އުފެދިފައިވީނަމަވެސް އޭގައި އެކުލެވޭ މައިގަނޑު ސިފަތަކަކީ އެނިޡާމުގެ ބާރުތައް ވަކިވުމާއި[1]، ޤާނޫނު އަސާސީ އެއް އޮތުމާއި، ޤާނޫނުތައް ޤާނޫނު ހަދާ ބާރުގެ ފަރާތުން ތައްޔާރުކޮށް ބަހުސްކުރެވި ފާސްވުމާއި، ފާސްކޮށްފައިވާ ޤާނޫނުތައް ތަންފީޛުކުރާނެ އުޞޫލުތަކާއި ޤަވާޢިދުތައް އެޤާނޫނުގެ އަލީގައި ސަރުކާރުން އެކަށައެޅުމާއި، އިންތިޚާބުކުރުމާއި، ސިޔާސީ އެކި ޕާޓީތައް ހަރަކާތްތެރިވުމާއި، ބައެއް ކަންކަން ނިންމުމުގައި (އަދި ބައެއް ޑިމޮކްރަސީތަކުގައި ހުރިހާ ކަމެއް ނިންމުމުގައި) ހިޔާލު ހޯދުމަށް ރައްޔިތުންގެ ވޯޓު ނެގުން ނުވަތަ ރިފެރެންޑްރަމްތައް ބޭއްވުން، މިއެވެ.

[ޤާނޫނީ]ގޮތުން ކަނޑައެޅިފައިވާ [ބޮޑެތި] މީހުންގެ ބައިވެރިވުން ޑިމޮކްރަސީއެއްގައި އޮންނަންޖެހޭއިރު އެކަމުގައި [ރައްޔިތުންނަށް] ބައިވެރިވެވޭ ދެގޮތެއްވެއެވެ. އެއްގޮތަކީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއި ބަހާއި ރުހުމާއި އެކު ކަންކަން ނިންމޭ ސީދާ ޑިމޮކްރަސީއެއްގައެވެ. އަނެއް ގޮތަކީ ރައްޔިތުން ތަމްޘީލުކުރާ މަންދޫބުންތަކެއް އިންތިޚާބުކުރެވި، އެމީހުން ރައްޔިތުންގެ ބަދަލުގައި ކަންކަން ނިންމާ މަންދޫބީ ޑިމޮކްރަސީއެއްގައެވެ. މަންދޫބީ ޑިމޮކްރަސީ ނިޡާމުގެ ދަށުން އިތުރު ދެފަރުޢެއް ވެއެވެ. އެއީ ބަރުލަމާނީ ނިޡާމާއި ރިޔާސީ ނިޡާމެވެ.[2]

ނިޡާމުގެ ޙުކުމް

ޑިމޮކްރަސީއަކީ ހިޒްބީ ފިކުރުގެ ޢިލްމުވެރިން މެނުވީ ހުރިހާ ޢިލްމުވެރިންވެސް ކުފުރުގެ ނިޡާމެއްކަމުގައި ކަނޑައަޅާފައިވާ ނިޡާމެކެވެ. ކުފުރުގެ އިތުރުން އެނިޡާމަކީ ޝިރުކުވެސް އެކުލެވިގެންވާ ނިޡާމެކެވެ. އެހެނީ އެނިޡާމަކީ ޤާނޫނު ހެދުމުގެ ބާރު މީހުންނަށް ނުވަތަ އެމީހުން ތަމްޘީލުކުރާ މަންދޫބުންނަށް ދޭ ނިޡާމެކެވެ. އެގޮތުގެ މަތީން ﷲ` އަށް އެކަނި ޙައްޤުވެގެންވާ ކަމެއްގައި އެހެން ބަޔަކު ބައިވެރިކޮށް ޝަރީކުކުރެވެނީއެވެ. އިސްވެ ބުނެވުނު ފަދައިން ޑިމޮކްރަސީގައި ޤާނޫނު ހެދެނީ ގިނަމީހުން ބޭނުންވާ ގޮތަށް ކަމުގައިވުމުން، އެޤާނޫނަކީ ދީނާއި ޚިލާފުވާ ނުވަތަ ވިސްނުމާއި ހަމަބުއްދިއާއި ޚިލާފު ކަމެއް ކަމުގައި ވީނަމަވެސް އެކަމުގައި ފަރުވާލެއްނެތެވެ. އެހެނީ ޑިމޮކްރަސީ ނިޡާމު ބިނާވެފައިވާ އެއް އަޞްލަކީ ގިނަމީހުންގެ ވިސްނުން މަދުބައެއްގެ ވިސްނުމަށްވުރެން އަބަދުވެސް ރަނގަޅުވާނެ ކަމުގެ މަފްހޫމްގެ މައްޗަށް ކަމުގައި ވުމުންނެވެ. މިއީ ބާޠިލް ވާހަކައެއްކަން ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ ކޮންމެ މީހަކަށްމެ އެނގޭނެއެވެ.

އިސްލާމްދީނާއި ޚިލާފުނުވާ ކަމުގެ ބާޠިލް ދަޢުވާ

ޑިމޮކްރަސީގެ ނިޡާމާއި އިސްލާމްދީނާއި މާބޮޑު ތަފާތެއް ނެތްކަމުގައި އެއްބަޔަކު ބުނެއެވެ. ނަމަވެސް ދަންނައެވެ. ތަފާތުތައް ވަރަށް ގިނައެވެ! ތަފާތުތައް މަދުވިކަމުގައި ވިޔަސް ﷲ` އަށް ޙައްޤުވެގެންވާ އެންމެ ކަމެއްވެސް އެހެން މަޚްލޫޤަކަށް ދެވޭނަމަ އެއީވެސް ކުފުރާއި ޝިރުކު އެކުލެވިގެންވާ ކަމެއް ކަމުގައިވެއެވެ. އަދި ދަންނައެވެ. ކަމެއްގެ ޙުކުމް ދެނެގަތުމުގައި ބަލަންޖެހެނީ އޭގެ ވައްތަރު ކަމަކަށް އެކަންޏެއް ނޫނެވެ. އެހެނަސް ތަފާތުވާކަންކަމަށްވެސްމެއެވެ. މީގެ މިޘާލަކީ މުސްލިމަކާއި ނަޞާރާއެއްގެ މިޘާލެވެ. ދެމީހުންނަކީވެސް އިންސާނުންކަމުގައި ވުމުން ކެއުން ބުއިމާއި ހެދުން ލުމާއި އަޅުކަމާއި ވިޔަފާރި ކުރުމާއި މުޢާމަލާތުކުރުމާއި ކައިވެނިކުރުމާއި ދަރިން ހޯދުމައި މަސައްކަތްކުރުމާއި އުނގެނުމުގައި ވަގުތު ހޭދަކުރެއެވެ. ބޭރު ފުށުން ކުރެވޭ ޢަމަލުތަކުގެ ވައްތަރުތައް ވަރަށް އެއްވައްތަރެވެ. ނަމަވެސް އަޅުކަމާއި ޖެހޭ ހިސާބުން ވަރަށް ތަފާތުވެއެވެ. އަދި ކެއުމާއި ބުއިމުގައިވެސް، ހެދުން ލުމާއި މުޢާމަލާތްކުރުމުގައިވެސް އަދި ދެން ހުރި ހުރިހާ ކަމެއްގައިމެ ދީނީ މިންގަނޑުން ވަޒަންކުރަން ފެށުމުން އުޑާ ބިމާހާ ތަފާތެވެ. މިއީ ދެޢަޤީދާއެއްގެ ވެރި ދެމީހުން އަޅާކިޔާނަމަ ކަން އޮންނާނެ ގޮތެވެ.

ހަމައެފަދައިން ޑިމޮކްރަސީއާއި އިސްލާމްދީނާއި އަޅާކިޔާނަމަ ވައްތަރު އެތައް ކަމެއް ފެންނާނެއެވެ. އެއީ ކޮންމެ ވެރިކަމެއްގެ ނިޡާމަކާއި އަނެއް ނިޡާމަކާއި އަޅާކިޔަސް ހުންނާނެ އެއްވައްތަރުކަންކަން ފަދައެވެ. އެގޮތުން އިސްލާމީ ނިޡާމުގައިވާ ޝޫރާގެ ނިޡާމާއި ﷲ` ގެ ބާރުފުޅާއި ނުފޫޒު ނުފޯރާ ގޮތަށް ބައްޓަންވެފައިވާ ޙުކުމްކުރުމުގެ ނިޡާމު، ޑިމޮކްރަސީގައި އޮންނަ ޤާނޫނު ހަދާ މަޖިލިސްތަކާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ނިޡާމުތައް ބޭރުފުށުން ވައްތަރުވެދާނެއެވެ. ނަމަވެސް ދެކަމުގެ ތަފްޞީލަށް ބެލުމުން ޙަޤީޤީ ތަފާތު ފެނިގެންދެއެވެ.

މިގޮތުން ތިރީގައި މިޛިކުރުކޮށްލަނީ އިސްލާމީ ނިޡާމައި ޑިމޮކްރަސީ ނިޡާމުގައި ހުރި ބައެއް ތަފާތުތަކެވެ.

#

އިސްލާމް ދީން

ޑިމޮކްރަސީ ނިޡާމް

1

ވެރިކަމަކީ ﷲ` ގެ ވެރިކަންފުޅެއް.

މީހުންނަށްޓަކައި، މީހުންކުރާ، މީހުންގެ ވެރިކަމުގެ ނިޡާމެއް

2

ޤާނޫނުތައް ކަނޑައަޅާ ނިޔާ ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ﷲ` އަށް އެކަންޏެވެ. އެއީ ﷲ` އަށް ޙައްޤުވެގެންވާކަމެއް

ޤާނޫނު ހެދުމުގެ ބާރު ލިބިފައިވަނީ ރައްޔިތުންނަށް. އެއީ ސީދާކޮށް ނުވަތަ ނުސީދާކޮށް ބައިވެރިވެގެން. މީހުންނަށް ލިބިފައިވާ ޙައްޤެއް ކަމުގައި ދެކޭ.

3

ޙުކުމްތައް ކަނޑައަޅުއްވާފައިވަނީ ހުރިހާ ކަމެއް ދެނެވޮޑިގަންނަވާ ޙަކީމްވަންތަ ﷲ`.

ޙުކުމްތައް ކަނޑައަޅަނީ ހަވާ ނަފްސު އިސްކުރާ ނިކަމެތި އިންސާނާގެ އުނި ސިކުނޑިން ނިންމާ އުނި ނިންމުންތަކާއި ވިސްނުމުގެ މައްޗަށް އިންސާނުންނެވެ.

4

ﷲ` ބަވާލައްވާ ނިޔާ ކަނޑައަޅުއްވައި ނިންމަވާފައިވާ ޝަރުޢީ ޙުކުމްތައް ބަދަލުކުރުމުގެ، ނުވަތަ އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ހުއްދަ އެއްވެސް މަޅްލޫޤަކަށް ލިބިފައިނުވޭ.

ޙުކުމްތަކަކީ އެއިރަކު ގިނަމީހުން ބޭނުން ގޮތަކަށް ބަދަލުކުރެވޭ ޙުކުމްތައް. ބަދަލުނުކުރެވޭ އެއްވެސް ޤާނޫނެއް ޙުކުމެއް ނޯވޭ.

5

ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހަކު ނިންމަވާފައިވުމުން އިސްލާމް ދީނާއި އެދީނުގެ ނިޡާމަކީ ފުރިހަމަ ނިޡާމެއް

ދުވަހަކުވެސް ފުރިހަމަ ވާނެ، ފުދިގެންދާނެ ނިޡާމެއް ނޫން.

6

އެއްވެސް މީހަކަށް ބޭއިންސާފުން ޢަމަލު ނުކުރާ، އެންމެންނަށްވެސް ޢަދުލުވެރިވާ ނިޡާމެއް

ގިނަމީހުންގެ ހަވާނަފްސާއި ވިސްނުމުގެ މައްޗަށް ބިނާވެފައިވުމުން އިންސާފު ގެއްލި، ޢަދުލުވެރިކަން ނެތިގެންގޮސް، އެއްބައެއްގެ ޙައްޤަށް އަރައިގަނެވޭ ނިޡާމެއް.

7

ވަކި ބަޔަކަށް، ޤައުމަކަށް، ނަސްލަކަށް ނިސްބަތްވާ ދީނެއް ނޫން. ނައްޞުން ޘާބިތުވާ އެއްވެސް ޙުކުމެއް އެއްވެސް ބަޔަކަށް، ތަނަކަށް، ނަސްލަކަށް ތަފާތުނުވުން.

ވަކި ބަޔަކަށް ނުވަތަ ޤައުމަކަށް ނިސްބަތްވާ ވެރިކަމެއް. ޤާނޫނުތައް ހެދުމުގައި ‘ރައްޔިތުންނާއި’ ‘ބޭރުމީހުން’ގެ މެދުގައި ތަފާތުކުރެވޭ. އެއް ބައެއްގެ ޤާނޫނު އެހެން ބައެއްގެ ޤާނޫނާއި ތަފާތުވުން.

8

ވެރިޔަކަށް ކަނޑައެޅޭ ފަރާތަކީ ޙަޤީޤަތުގައި ﷲ` ގެ ޙުކުމްފުޅާއި އެއްގޮތަށް ޙުކުމްކުރުމުގެ މަސްއޫލިއްޔަތާއި މީސްތަކުންގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ފަރާތެއް.

ވެރިކަމަކީ ހުރިހާ އެންމެންގެ ވެރިކަމަކަށްވުމުން އެންމެންނަކީވެސް ވެރިން. އެއްބަޔަކުގެ މައްޗަށް އަނެއްބަޔަކު ވެރިކަންކުރޭ. އެއީ ޤަނޫނު އަސާސީގައި ކަނޑައެޅިފައިވާ މަފްހޫމުގެ ތެރޭގައި. ނުސީދާ ޑިމޮކްރަސީތަކުގައި އިންތިޚާބުކުރެވޭ ވެރީންނަކީ އަޞްލުގައި ރައްޔިތުންގެ ފަރާތުން ވެރިކަން ކުރަން ހަވާލުކުރެވޭ މަންދޫބުންތަކެއް.

9

ޝަރުޢީ ވެރިޔަކު ﷲ`އަށް އުރެދުމަށް އަމުރުނުކުރާހާ ހިނދަކު ކޮންމެ ކަމެއްގައިމެ އޭނާއަށް ކިޔަމަންތެރިވުން ޝަރުޢުވެގެންވޭ. އަދި އޭނާއަށް ހިފައިފައިވާ ބައިޢަތު ބާޠިލްނުކުރެވޭނެ. އޭނާއާއި ދެކޮޅަށް ނުކުތުމާއި ފާޅުގައި ފާޑުކިޔުމަކީ ހުއްދަކަންކަމެއް ނޫން. ދެކޮޅަށް ނުކުތުން ހުއްދަވަނީ ސާފު ކުފުރު ފެނުމުން.

ވެރިމީހާ އާއި މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ ނަމަ، އޭނާގެ ވެރިކަން ބާޠިލްކޮށް، ވެރިކަމަށް އެހެން މީހަކު ގެނެވިދާނެ. އޭނާއާއި ދެކޮޅަށް ނުކުމެ އަޑުގަދަކުރުމާއި ފާޅުގައި ފާޑުކިޔާ މުޡާހަރާ ކުރުމަކީ ޑިމޮކްރަސީގެ އުޞޫލެވެ.

10

ޝަރުޢީ ސަބަބަކާއި ހުރެ މެނުވީ ނުވަތަ މަރުވުމުން މެނުވީ ވެރިމީހާ ބަދަލުކުރުމަކީ އޮންނަ ކަމެއް ނޫން.

ކަނޑައެޅިފައިވާ މުއްދަތުގައި ނުވަތަ ގިނަބަޔަކު ބޭނުންވެއްޖެނަމަ ވެރިމީހާ އަވަސް އަވަހަށް ބަދަލުކުރުމަކީ ޑިމޮކްރަސީގެ އުޞޫލެއް

11

ކުރީގައި ހުރި ވެރިމީހާ މަރުވުމުން ނުވަތަ ޝަރުޢީ ސަބަބަކާއި ހުރެ އެހެން ވެރިޔަކު ޢައްޔަން ކުރާނަމަ އަހުލުލް ހަލް ވަލް ޢަޤްދު ނުވަތަ ކަމުވޮށިގެންވާ މީހުން ކަނޑައަޅާ މީހެއް ވެރިކަމަށް އައްޔަން ކުރެވޭނެއެވެ. އެއީ ހުރިހާ މުސްލިމުންގެ އިޚްތިޔާރު ކަމުގައިވުން ލާޒިމެއް ނޫނެވެ. އޭގެ ތެރޭގައި މޮޔައިންނާއި ކުޑަކުދިންނާއި ކަމަށް އަހުލުވެރި ނުވާ މީހުން ބަސް ކިޔުމުގެ ފުރުޞަތެއް ނުވޭ.

ކުރީގައި ހުރިވެރިމީހާ މަރުވުމުން ނުވަތަ އޭނައާއި މެދު ހިތްހަމަނުޖެހިގެން ނުވަތަ އެހެންވެސް ސަބަބަކާއި ހުރެ އެހެން ވެރިޔަކު އައްޔަން ކުރާނަމަ އެންމެން ވޯޓް ލައިގެން، ގިނަ މީހުން ބޭނުންވާ ވެރިޔަކު ކަނޑައެޅެއެވެ. އޭގެ ތެރޭގައި މޮޔައިންނާއި ދީނީ ގޮތުން އެމީހުން އަމިއްލައަށް އެއްވެސް ކަމެއް ކުރުން ހުއްދަ ނުވާ މީހުންނާއި، ފާފަވެރީންނާއި ފާސިޤުންގެ ބަސްވެސް ބަލައިގަނެވޭ.

12

އަމިއްލައަށް މަޤާމުތަކާއި ވެރިކަމާއި މަސްއޫލިއްޔަތުތަކަށް އެކަށީގެންވާ ކަމަށް ދަޢުވާކުރުމާއި އެކަމަށް އެދި ވަކާލާތުކުރުމަކީ ދީނީ ގޮތުން ޢައިބެއްގެ އިތުރުން، އެމީހުން އެކަމަށް އެކަށީގެންނުވާ ކަމުގެ ދަލީލެއް. އަމިއްލަނަފްސަށާއި އެހެން މީހުންނަށް ފާޅުގައި ޘަނާކިޔުމަކީ ހުއްދަކަމެއް ނޫން.

އިންތިޚާބުވުމަށް އެދޭ ފަރާތް އަމިއްލަ ނަފުސު ނުވަތަ އިންތިޚާބުކުރަން އުޅޭ ފަރާތުގެ މޮޅުވާހަކައާއި އެކަމަށް އެކަށީގެންވާ ކަމަށާއި، ދޮގު ވާހަކަތައް ދައްކާ، ހުވަފެންތައް ދައްކައި، އަމިއްލަ ނަފްސަށް ޘަނާކިޔައިގެންވެސް ވެރިކަން ހޯދުމަށް މަސައްކަތްކުރެވޭ. އެއީ ޢައިބެއް ނޫން.

13

މަޝްވަރާކުރުން ނުވަތަ ޝޫރާ އަކީ ނައްޞެއް ނެތް ނުވަތަ ޞަރީޙަ ނައްޞެއް އައިސްފައިނުވާ ކަމެއްގައި ނުވަތަ ތަފާތު ނައްޞުތައް އައިސްފައިވާ މައްސަލައެއްގައި ﷲ` ގެ ދީނުގެ އަޞްލުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް، ﷲ` ރުހިވޮޑިގަންނަވާ ގޮތާއި އަދި ޙައްޤުގޮތާއި ޢަމަލުކުރުން އެންމެ ރަނގަޅު ގޮތް ހޯދަން ކުރެވޭ މަޝްވަރާތަކެއް.

ޤާނޫނު ހަދާ މަޖިލިސްތަކުގައި ކުރެވޭ ބަހުސްތަކަކީ ކޮޅު ގަދަކޮށް ގިނަ ބަޔަކު އެރައުޔަކަށް ޖަމަޢަކުރުމަށް ކުރެވޭ ބަހުސްތަކެއް. އޭގެ ބޭނުމަކީ އެންމެ ގިނަބަޔަކު ބޭނުންވާ ގޮތަކަށް ޤާނޫނު ހެދުން. އެއީ އެއްވެސް ޙާލެއްގައި ﷲ` ގެ ދީނުގައި ޙައްޤުވެގެންވާ ގޮތް ދެނެގަތުމަށް ނުވަތަ ޙައްޤުގޮތަށް ވާޞިލްކުރުމަށް ދެކެވޭ ވާހަކަތަކެއް ނޫން.

14

ދީނާއި މުސްލިމުންގެ ބޮޑެތި ކަންކަމުގައި މަޝްވަރާކުރެވޭނީ އިސްލާމީ ޝަރީޢަތުގެ ޢިލްމު ލިބިގެންވާ ޢިލްމުވެރިންނާއި އެކަންކަމާއި ގުޅޭ ފަންނީ ތަޖުރިބާ ކާރު ތަޢުލީމީ މުސްލިމުންނާއި. އެބަހީ ޝަރުޢީ ޢިލްމާއި ދުނިޔެވީ ޢިލްމާއި ތަޖުރިބާތަކުގެ އަލީގައި މަޝްވަރާކުރެވުމެވެ.

ޤާނޫނު ހަދާ މީހުންނަކީ ވަކި ޝަރުތެއް ހުރުން ލާޒިމް މީހެއް ނޫނެވެ. އެގޮތުން މޮޔައިން، ޖާހިލުން، އަދި ކުށްވެރިންނާއި ފާފަވެރީންނާއި މުރުތައްދުންވެސް އެކަމުގައި ބައިވެރިވެވިދާނެއެވެ. ނުވަތަ އެމީހުންގެ އުނި ސިކުނޑިން ކަނޑައަޅާފައިވާ ޝަރުޠުތަކެއް ފުރިހަމަވާ ބަޔަކަށް އެކަން ކުރެވިދާނެއެވެ.

15

ދީނުގައި ކަނޑައެޅިފައިވާ ޙުކުމެއް ބަދަލުކުރުމަށް ނުވަތަ އެފަދަ ކަމަކާއި އެއްގޮތަށް ޢަމަލުނުކުރުމަށް ބޭނުންވެގެން އެގޮތުށް މަޝްވަރާއެއް ނުކުރެވޭނެ. ދީނުގައި ކަނޑައެޅިފައިނުވާ ކަންކަމުގައި އަދި މުސްލިމުންގެ މަޞްލަޙަތާއި ގުޅޭ ހުރިހާ ކަމެއްގައިމެ މަޝްވަރާކުރުން ޝަރުޢުވެގެންވޭ.

މަޝްވަރާގެ ނަމުގައި ހުރިހާ ކަމެއްގައި ބަހުސްކޮށް ގިނަ ބަޔަކު ބޭނުންވާ ގޮތަކަށް ކަން ނިންމުމަށް ވާހަކަދައްކާ. އެއީ ދީނުގައި ކަނޑައެޅިފައިވާ ޞަރީޙަކަންކަމާއި ދެކޮޅަށް ވިޔަސްމެއެވެ. އެއީ އޭރަކު ތިބި މީހުންނަށް ޤަބޫލުކުރެވޭ، އެބައެއްގެ ހަވާ ނަފްސު ގޮވާލާ ގޮތަކަށް އެކަންކަން ކުރުމަށް ދެކެވޭ ވާހަކަތަކެއް.

16

ދީނީ ނައްޞަކާއި ޚިލާފުނުވާ ކަމެއްނަމަ، މަޝްވަރާކުރެވުނު ގޮތަކާއި ޚިލާފަށް ވެރިމީހާ ޢަމަލުކުރަން ނިންމިނަމަވެސް އެކަމަށް ކިޔަމަންތެރިވާންޖެހޭނެ. އެއީ ވޯޓުލައިގެން ވެރިމީހާގެ މައްޗަށް ލާޒިމުކުރެވޭނެ ކަމެއް ނޫން.

ޤާނޫނު ހަދާ މަޖިލީހުން ކަމެއް ނިންމައިފި ނަމަ އެއްވެސް މީހަކަށް އެކަމާއި ދެކޮޅު ހެދުމެއް ނުވޭ. އެއީ ވެރިމީހާ ކަމުގައިވީނަމަވެސް. އެކަން ބަދަލުކުރަން ބޭނުންވާނަމަ ގިނަބަޔެއްގެ ތާއިދު އަލުން ހޯދާ ޤާނޫނު ބަދަލުކުރަން ޖެހޭ.

17

ﷲ` ގެ ޙުކުމްފުޅާއި ނިޔާފުޅާއި އެއްގޮތަށް ޙުކުމްކުރުން ވާޖިބުވުން.

އެނިޡާމުގެ ޤާނޫނއަސާސީ އާއި ޚިލާފަށްވެސް ޙުކުމް ކުރެވޭ. އެއީ ހެދިފައިވާ ޤާނޫނުތައް ބާޠިލްކުރުމާއި ވެރިކަން ބާޠިލްކުރުމާއި އެހުރިހާ ގޮތަކަށް.

18

އެއްވެސް ފަރުދަކަށް އެހެން ފަރުދެއްގެ މައްޗަށް އެއްވެސް އިމްތިޔާޒެއް ލިބިފައިނުވޭ. އެންމެންނަކީވެސް އެއްދަރަޖައެއްގެ ބައެއް.

ޤާނޫނު ހަދާ ބަޔަކު ޤާނޫނީ ގޮތުން ދޭ އިމްތިޔާޒުތަކެއް ވަކި ބަޔަކަށް ލިބުން.

19

ބައިބައިވުން އުފެދޭ ހުރިހާ ކަމެއް ނަހީކުރެވިފައިވުން. އިސްލާމީ ޢަޤީދާއަކީ އެކައްޗެއް ކަމުގައިވުމުން ތަފާތުވާން ފުރުޞަތެއް ނެތް. ކަމެއްގައި ޢަމަލުކުރަންޖެހޭ ގޮތާއި މެދު ހިޔާލު ތަފާތުވުމަކީ ވަކިވެގަތުމަށް އޮތް ސަބަބެއް ނޫން. ތަފާތު ފިކުރުތަކާއި އެއްގޮތަށް އަދި ސިޔާސީ ދަހިވެތިކަމަށް ބައިބައިވުމަކީ ހުއްދަ ކަމެއް ނޫން

ކޮޅު ގަދަކުރުމާއި ވެރިކަން ހޯދުމަށާއި ސިޔާސީ ގޮތުން ބައިބައިވެ، ތަފާތުވެ، ޢަމަލުކުރަންވީ ގޮތާއި މެދު ކޯޅޭ ސިޔާސީ ޕާޓީތަކާއި ފިކުރުތައް އޮތުމަކީ ޑިމޮކްރަސީގެ ނިޡާމްގެ އަޞްލެއް

20

އަންހެނުންނާއި ކުޑަކުދީންނާއި މޮޔައިންނާއި ފާސިޤުންނާއި މުރުތައްދުންނަށް ވެރިކަމަކަށް ނާދެވޭނެ.

ޤާނޫނޫގައި ކަނޑައެޅިފައިވާ އުޞޫލުގެ މަތީން އަންހެނަކަށް ވިޔަސް ފާސިޤަކަށްވިޔަސް މުރުތައްދަކަށްވިޔަސް ނުވަތަ ކުޑަކުއްޖަކަށްވެސް ވެރިކަމަށް އާދެވިދާނެ.

21

އިސްލާމްދީނާއި އެއްގޮތަށް ވެރިކަންކުރުމާއި އެއިލާހުގެ ޙުކުމްފުޅާއި އެއްގޮތަށް ޙުކުމްކުރުމަކީ ﷲ` އެއްކައުވަންތަކުރުމުގެ ތެރެއިން ހިމެނޭ ކަންކަން. ﷲ` ގެ އިސްމަފުޅުތައް ކަމުގައިވާ އަލްޙަކީމް، އަލްޙާކިމް، އަލްޙަކަމް، މިއިސްމަފުޅުތަކުގައި އެއްކައުވަންތަކުރެވޭނީ އެއިލާހުގެ އަމުރުތަކާއި ނަހީތަކާއި އެއްގޮތަށް ވެރިކަންކުރެވި ޙުކުމްކުރެވިގެންނެވެ. އެކަން ނުކުރުމަކީ ޠާޣޫތަށް ޙުކުމްކުރުން.

ޑިމޮކްރަސީއަކީ ފާޅުގައި ހަވާ ނަފްސަށް ކިޔަމަންވެވޭ، އަދި ކިޔަމަންތެރިވުމަށް ގޮވާލާ ނިޡާމެއް. މިނިޡާމާއި އެއްގޮތަށް ވެރިކަން ކުރުމަކީ އަމިއްލަ ހަވާ ނަފްސަށް އަޅުކަން ކުރުން އެކުލެވޭ ކަމެއް. އެއީ ޠާޣޫތަށް ޙުކުމްކުރުމެވެ. އެކަން ކުރުމަކީ ކާފަރުވާ ކަމެއް. އަދި ﷲ`ގެ އެއްކައުވަންތަކަމުގައި އަދި އެއިލާހުގެ އިސްމަފުޅުތަކުގައި ޝިރުކުކުރުން.

މިފާހަގަ ކުރެވުނީ ބައެއް ތަފާތުތަކެކެވެ. ﷲ` ގެ ރަޙްމަތުން ބުއްދި ސަލާމަތުން ހުރި އަޅަކަށް ޑިމޮކްރަސީ އާއި އިސްލާމްދީނާއި ހުރި ތަފާތުތައް ސާފުވާނެއެވެ.

އިސްވެދިޔަ ތާވަލުގައި ބަޔާންކުރެވުނު ފަދައިން، ﷲ` ގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުގެ ތެރެއިންވާ އަލްޙަކަމް، އަލްޙަކީމް އަދި އަލްޙާކިމް، މިއިސްމަފުޅުތަކުގައި ﷲ ` އެއްކައުވަންތަކުރަން އެދޭ ނަމަ ﷲ` ގެ ބިމުގައި އެއިލާހު ބާވާލެއްވި ދީނާއި އެއްގޮތަށް ޙުކުމްކުރަން ވާޖިބުވެއެވެ. އެއާއި އެއްގޮތަށް ޙުކުމް ނުކޮށްފިމީހަކު ﷲ` ގެ ވަޙީބަސްފުޅުގައިވާފަދައިން ކާފަރުވެއެވެ. އަދި އެއިލާހުގެ ޙުކުމްތަކުގެ މައްޗަށް ޙުކުމް ހަދައިފި ކަމުގައި ވާނަމަ ޝިރުކުކުރީއެވެ.

ﷲ`ގެ ދީނާއިގެން ނަބީ؛ ފޮނުއްވުމުގެ ކުރީންވެސް ޑިމޮކްރަސީއަކީ އުފެދިފައިވާ ނިޡާމެކެވެ. އެނިޡާމަކީ އަހުރެމެން އުޅެން ރަނގަޅު ނިޡާމެއް ކަމުގައި ވީނަމަ، އަހުރެމެންގެ ދީނުގެ ބައެއް ކަމުގައި އެކަންވީހެވެ. އެގޮތަށް އެކަން ވެފައެއް ނެތެވެ. މީގެ އިތުރުން އަހުރެމެންގެ ދީނުގެ ވަރަށް ގިނަ ޢަޤީދާތަކާއި އުޞޫލުތަކާއި ޚިލާފުވުމުގެ ސަބަބުން އެނިޡާމަކީ އިސްލާމްކަމުގެ ދާއިރާގައި ފުރުސަތެއް ލިބިފައިނުވާ ޖާހިލީ ކާފަރު ޝިރުކު އެކުލެވިގެންވާ ނިޡާމެކެވެ. އެނިޡާމުގެ އުޞޫލުތަކަށް ބެލުމުން އެކަނިވެސް ޑިމޮކްރަސީ އަކީ އިސްލާމް ދީނާއި ފުށުއަރާ ނިޡާމެއްކަން ފާހަގަވެއެވެ. ވައްތަރު ކަންކަން ހުރިކަމަށް ބައެއް މީހުންނަށް ހީވިޔަސް، އޭގެ މަޤްޞަދާއި އަޞްލުތަކަށް ބަލައިލުމުން ފެނިގެންދަނީ އުޑާއި ބިމާ ހުރި ތަފާތު ފަދަ ތަފާތުތަކެކެވެ. ފަހެ ﷲ` އެއްކައުވަންތަ ކުރުމާއި ޝިރުކުކުރުމުގެ ތަފާތަކީ ކުޑަ ކަމެއް ހެއްޔެވެ؟

ޑިމޮކްރަސީ ނިޡާމަކީ އެއްވެސް ޢިލްމެއްގެ މައްޗަށް ބިނާވެގެންވާ ނިޡާމެއް ނޫނެވެ. އެމަގުގައި ހިފައިގެން ތިބި މީހުން ތަބަޢަވަނީ އެމީހުންނަށް ހީވާ ހީވުމަކަށެވެ. އަދި އެނިޡާމުގެ އަޞްލު ބިނާވެފައިވަނީ ގިނަބަޔަކު ދެކޭ ގޮތަކީ އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ބަލައިގެންނެވެ. އެހެނަސް އެއީ ކުށް ހީއެކެވެ. ޢާލަމްތައް ޚަލްޤުކުރެއްވި މަތިވެރި ﷲ` ވަޙީކުރައްވަނީ މިފަދައިންނެވެ :

[وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ]
[އަދި ތިބާ ބިމުގައި ތިބި ގިނަމީހުންނަށް ތަބަޢަވެއްޖެނަމަ އެމީހުން ތިބާ ﷲ ގެ މަގުން، މަގު ފުރައްދާނެއެވެ. އެމީހުން ތަބަޢަވާކަމުގައިވަނީ ހަމައެކަނި އެމީހުންގެ ހީތަކަށެވެ. އަދި އެމީހުން ދޮގު ހަދާ
ބައެއްކަމުގައި މެނުވީ ނުވެއެވެ.](އަލްއަންޢާމް:116)
_______________________________
  1. އެބަހީ ޤާނޫނު ހެދުމުގެ ބާރާއި، އިދާރީ އަދި ސަރުކާރީ ބާރާއި، ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރު، މިބާރުތައް އެއްބާރުން އަނެއްބާރާއި ވަކިވެ މުސްތަޤިއްލުވުމެވެ.
  2. ސީދާ ޑިމޮކްރަސީ ނިޡާމުގައި ދަޥްލަތުގެ ވެރިޔާގެ ގޮތުގައި ހުންނަ މީހާއަކީ ރަމްޒީމީހެކެވެ. އަދި ޤާނޫނުތައް ހަދާނީ ސީދާ ރައްޔިތުންގެ ރުހުމާއި އެކުއެވެ. ރިޔާސީ ނިޡާމެއްގައި ވެރިޔާއަކީ ދަޥްލަތުގެ ވެރިޔާގެ އިތުރުން ސަރުކާރުގެ ވެސް ވެރިޔާއެވެ. އޭނާ ބޭނުންބަޔަކު ސަރުކާރުގެ އިސް މަޤާމްތަކަށް ޢައްޔަނު ކުރެއެވެ. އަދި ޤާނޫނުތައް ހަދާނީ ޤާނޫނުހަދާ ބާރު ނުވަތަ މަޖްލީހަށް އިންތިޚާބުކުރެވޭ މަންދޫބުންގެ ވޯޓުންނެވެ. ޤާނޫނު އަސާސީއެއްގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ވެރިޔާއަށް ޤާނޫނުތައް ތަޞްދީޤުކުރުމާއި ނުކުރުމާއި ކަންކަން ނިންމުމުގެ ބާރެއް ލިބިފައިވެއެވެ. މިއާއި ޚިލާފަށް ބަރުލަމާނީ ނިޡާމުގައި ދަޥްލަތުގެ ވެރިޔާއަކީ ސަރުކާރުގެ ވެރިޔާއެއް ނޫނެވެ. އަދި ސަރުކާރު އެކުލަވާލާނީ މަޖްލީހުގެ މެޖޯރިޓީއާއި އެއްގޮތަށެވެ. ސަރުކާރުގެ އިސްމަޤާމުތަކުގައި ތިބޭ މިނިސްޓަރުންނަކީ މަޖްލީހުގެ މެންބަރުންނަށްވުން ލާޒިމުވެއެވެ. ޤާނޫނުތައް ހުށަހަޅާނީ ސަރުކާރުގެ ފަރާތުންނެވެ. މިއީ މިތިން ނިޡާމުގެ ބައެއް ތަފާތުތަކެވެ. ސީދާ ޑިމޮކްރަސީއެއް އޮންނަ އެއް ޤައުމަކީ ސްވިޒަރލޭންޑެވެ. ބަރުލަމާނީ ޑިމޮކްރަސީއެއްގެ މިޘާލަކީ އިނގިރޭސިވިލާތެވެ. ދިވެހިރާއްޖޭގައި އޮންނަނީ ރިޔާސީ ނިޡާމުގެ ޑިމޮކްރަސީއެކެވެ. އެއީ އެމެރިކާގައިވެސް އޮންނަފަދައިންނެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....