އިސްލާމީ ޚިލާފަތާއި ބެހޭ ފިޤުހު ދެނެގަތުމަށްހުރި ރިވެތި މުތްތައް

މިފޮތަކީ އައްޝައިޚް އަބޫ ޢަބްދުއްރަޙްމާން ރާއިދް އައްލީބީ | ޢަރަބި ބަހުން ލިޔުއްވާފައިވާ [الدرر البهية في فقه الخلافة الإسلامية ] (އިސްލާމީ ޚިލާފަތާއި ބެހޭ ފިޤުހު ދެނެގަތުމުގައިހުރި ރިވެތި މުއްތައް) މިފޮތުގެ ދިވެހި ތަރުޖަމާއެވެ. ފޮތުގެ މުތަރުޖިމުގެ ޙައިޞިއްޔަތުން ކިޔުންތެރިންނަށް ފޮތާއިގުޅޭގޮތުން ދެތިންބަހެއް ބުނެލުމަށް ޤަޞްދުކުރަމެވެ.
މިފޮތުގެ މަޥްޟޫޢަކީ އިސްލާމީ ޚިލާފާތެވެ.  އިސްލާމީ ޚިލާފަތާއި ބެހޭގޮތުން އަޅުގަނޑުމެން މުސްލިމުން އަދި ޚާއްޞަކޮށް ލޮބުވެތި ދިވެހި އަޚުންނާއި އުޚުތުންނަށް އެނގެންޖެހޭ ވަރަށް މުހިއްމު ފިޤުހީ މައްސަލަތައް މިފޮތުގައި އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި އިސްލާމީ ޚިލާފަތުގެ މުހިއްމުކަމާއި، އިސްލާމީ ޚިލާފަތުގެ މަޤްޞަދުތަކާއި އަދި އިސްލާމީ ޚިލާފަތެއް ޤާއިމްކުރެވި މުސްލިމުންގެ މައްޗަށް ޚަލީފާއަކު ޢައްޔަނުކުރެވޭ ގޮތްތަކަށް މިފޮތުގައި އަލިއަޅުވާލައިފައިވެއެވެ.
އެގޮތުން މިމުހިއްމު މަޥްޟޫޢުގައި އެތަކެއް ފޮތްތަކެއް ނެރެވިފައިހުރިނަމަވެސް ތަރުޖަމާކުރުމަށް މިފޮތް އިޚުތިޔާރުކުރި ބައެއް ސަބަބުގެ ތެރޭގައި:(ހ) މިފޮތަކީ ވަރަށް ކުރު ފޮތެއްކަމުގައިވެފައި ކިޔުންތެރިންނަށް މިފޮތް ކިޔައިނިންމާލުމަށް ފަސޭހަވުން. (ށ) މިފޮތުގައި މުއައްލިފު ގެންގުޅުއްވާފައިވާ މަންޙަޖުގެ ވަރަގަދަކަން. (ނ) މިފޮތުގައިވާ ގެނެސްފައިވާ އެންމެހާ ރައުޔުތަކަށް ޤުރުއާނާއި ސުންނަތާއި އަދި ޢިލްމުވެރި ސަލަފުންގެ ރައުޔުތަކުން ދަލީލުގެނެސްފައިވާލެއް ގިނަކަމާއި ފުރިހަމަކަން.
މިފޮތް ތަރުޖަމާކުރުމުގައި ދިވެހިބަހުގެ ވައްޓަފާޅިއާއި ވީހާވެސް ގުޅޭގޮތަށް ބަސްމަގު ގެންގުޅުމަށް މަސައްކަތްކޮށްފައިވާނެއެވެ. އެގޮތުން ކިޔުންތެރިންނަށް ފަހުމުވުމަށް އުދަނގޫވެދާނެކަމަށް ލަފާކުރެވޭ ތަންތަނުގައި ތަފްޞީލުކޮށްދިނުމުގެ ގޮތުން އަޅުގަނޑުގެ އަމިއްލަ ޢިބާރަތްތައް، މައި ނައްޞުގައި ]ބްރެކެޓް[ ގެ ތެރޭގައި ހިމަނާފައިވާނެއެވެ. ދެން ފުޓްނޯޓްސްތަކުގެ ތެރެއިން މުއައްލިފުގެ ފުޓްނޯޓްސްތަކުގެ ނިމޭތަނުގައި [(މުއައްލިފު)] މިފަދައިން ޛިކުރުކުރެވިފައިވާނެއެވެ. އަދި އަޅުގަނޑުގެ އަމިއްލަ ފުޓްނޯޓްސްތަކުގެ ނިމޭތަނުގައި [(މުތަރްޖިމް)] މިފަދައިން ޛިކުރުކުރެވިފައިވާނެއެވެ. ދެން އެއްވެސް އެފަދަ އިޝާރާތެއް ދެވިފައިނުވާ ކޮންމެ ފުޓްނޯޓަކީ އަޅުގަނޑުގެ ފުޓްނޯޓެވެ. ދެން މުއައްލިފު ބައެއް ޙަދީޘްތަކުގެ ތަޚްރީޖު ނެރުއްވާފައިވަނީ މައިނައްޞުގައެވެ. އެގޮތުން ކިޔުންތެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެތަޚްރީޖުތައް އަޅުގަނޑުގެ ތަރުޖަމާގައި ފުޓްނޯޓްސްގެ ގޮތުގައި ހިމަނާފައިވާނެއެވެ. ދެން މުއައްލިފު ޢިލްމުވެރިންގެ ބައެއް ރައުޔުތަކާއި ބަސްތައް ނަގަލުކުރައްވާއިރު ބައެއްފަހަރު ދަލީލުކޮށްދޭން ބޭނުންވާ ތަންތަން ފިޔަވައި ދެންހުރި ތަންތަން އުނިކުރައްވާފައިވެއެވެ. އެފަދަ ތަންތަނަށް އިޝާރަތްކޮށްދިނުމުގެ ގޮތުން އެއުނިކުރެވިފައިވާ މަޙައްލުގައި ތިންތިކި ]…[ ޖަހާފައިވާނެއެވެ. ދެން މުއައްލިފު ކިޔުންތެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބައެއްފަހަރު މުއައްލިފުގެ އަމިއްލަ ތަފްޞީލީ ޢިބާރަތްތައް އިތުރުކުރައްވާފައި އެބަހުއްޓެވެ. އަދި ޕެރެފްރޭސްކުރައްވާފައިވެސް އެބަހުއްޓެވެ. އެތަންތަން އަޅުގަނޑުމެން ވީވަރަކުން ބަޔާކޮށްދީފައިވާނެއެވެ. އަދި މުއައްލިފުގެ އަސްލު ފޮތުގައި ބައެއް ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މަރުޖިޢުތައް ބަޔާންކުރައްވާފައެއްނެތެވެ. އެގޮތުން އަޅުގަނޑު އެމަރުޖިޢުތަކާއި، ޞަފްޙާނަންބަރުތައް ފުޓްނޯޓުގައި ހިމަނާފައިވާނެއެވެ. އެކަމުގައި އަންޞާރުލް ޚިލާފާއިން ނެރެފައިވާ އިނގިރޭސީ ތަރުޖަމާއަށް ރިއާޔަތްކުރެވިފައިވާނެއެވެ.
ދެން ނިންމާލަމުން ބުނަމެވެ. މިއަދާއި ހަމައަށް އިސްލާމީ ޚިލާފަތުގެ ޙަޤީޤީ ތަޞައްވުރު ފަހުމުވެފައިވަނީ ޢާންމުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ. ﷲ ގެ އިރާދަފުޅުން މިފޮތް ކިޔާ ކޮންމެ ބޭފުޅަކަށް އިސްލާމީ ޚިލާފަތާއިބެހޭ ވަރަށް ފުރިހަމަ ތަޞައްވުރެއް ކުރެވިގެންދާނެއެވެ. އެހެނީ މުސްލިމުން މިއަދު އެބައިމީހުންގެ ދީނާއިގުޅޭގޮތުން ހިނގަންހުރީ ކިހިނަކުންކަން އެނގޭހުށީ މިފޮތުގައި މިވާ ކަންކަން ފަހުމުވެގެންނެވެ. އޭރުން ހިނގަންވީ މަގު ރަނގަޅަށް އެނގިތިބެ އެމަގުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްދަނީ މިއަދު މުސްލިމުންގެ ތެރެއިން ކޮން ބައެއްކަން ތީގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އެނގިގެންދާނެތެވެ. ޙައްޤޭ ކިޔަގައިން ފޮނި އަނގަތަޅާ، ކަންނެތް، ދުނިޔެ ހިނގާ ޙަޤީޤަތަށް ޣާފިލުވެ، މަޝްހޫރުކަމާއި އަތުބާޢުން ހޯދުމަށް މަރުދޭ މީހުންނަކީ ކޮބައިކަމާއި މިދީނަށްޓަކައި ކަންކަން ޙާޞިލުކުރަމުންދާ އަދި އެކަމުގައި ގަދައަޅައި މަސައްކަތްކޮށް ދުވާލުދާ ހަތަރުދަމު އެބައެއްގެ ޖާނާއި މާލު ﷲ ގެ މަގުގައި ހޭދަކުރަނީ ކޮންބައެއްކަން ތިޔަބޭފުޅުންނަށް އެނގިގެންދާނެތެވެ. ދެން އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައި ޢިލްމުވެރިންގެ ލަޤަބު ހޯދައިގެންތިބި މީސްތަކުން މިމަޢުޟޫގައި ދައްކާފައިހުރި ވާހަކަތައް ލޮބުވެތި ކިޔުންތެރިން ވަޒަންކުރައްވާށެވެ. އެބައިމީހުންގެ ގިނަމީހުންނަށް އަޅުގަނޑުމެންގެ ޢުންމަތަށް މިއަދު ޖެހިގެން މިއުޅޭ މުޞީބާތާއި ބަލާވެރިކަން ޙަޤީޤަތުގައިވެސް ތަޞައްވުރުކުރެވި އެކަން ފަހުމުވެފައިވޭހެއްޔެވެ؟

ފޮތުގެ ނަން: އިސްލާމީ ޚިލާފަތާއި ބެހޭ ފިޤުހު ދެނެގަތުމަށްހުރި ރިވެތި މުތްތައް
ފޮތުގެ މުއައްލިފް: އައްޝައިޚް ޢަބްދުއްރަޙްމާން ރާއިދު އައްލީބީ |
ޞަފްޙާގެ ޢަދަދު: 156
ތަރުޖަމާކުރި ފަރާތް: އަބޫ ޢުބައިދު|
އެކްސްޓެންޝަން: pdf
ފައިލް ސައިޒް: MB 2.81

foi_download1

ޙިޔާލު ހުށަހެޅުއްވުމަށް....