އަންހެނުން އުފެއްދެވި އިލާހު ކަނޑައެޅުއްވި ޙައްޤުތަކަށް، ނިކަމެތި އިންސާނުން ގޮންޖަހަމުންދާ ހިނދު ބިރެއް ނުގަނޭބާ؟

އާދުވަހެއްގެ އިރު ދުނިޔެ މައްޗަށް ފާޅުވެއްޖެއެވެ. ކައިރީގައިވާ ސޯނާގަޑީގެ އަޑަށް ފުންމައިގެންތެދުވެ އަވަހަށް ފެންވަރާ ރީތިވެ އޮފީހަށް (ނުވަތަ ކޮލެޖަށް) ދިއުމަށްޓަކައި ތައްޔާރުވެއެވެ. އާދެ މިއީ އާދައިގެމަތިން، އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ދުވަހުގެ އެޖެންޑާ ފެށޭގޮތެވެ. އެހެން ނޫންތޯއެވެ. އަހަރެން އެއްގޮތަކަށްވެސް މިފެށުމާއި މެދު ނުރުހުން ފާޅުކޮށް ދެކޮޅުހަދާކަށް ނެތީމެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އަހަރެމެންގެ ތެރެއިން އެކަކީވެސް އަހަރުމެންގެ އަމިއްލަ ގެދޮރުގައި އުޅޭ ބައެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެމެން މިއުޅެނީ އެހެން ފަރާތަކުން ނިކަން ޗާލުކޮށް ފަރުމާކޮށް ބޭނުންވާ ފަރުނީޗަރުތަކާއި އާލާތްތަކާއި ޚަޒާނާތަކާއިއެކު ބިނާކޮށްފައިވާ ގެއެއްގައި ކުއްޔަށެވެ.

ދަންނަވަން ތޯއެވެ. ހަމައެކަނި ބޭނުންދުވަހެއް ވަންދެން ކުއްޔަށް ހަމައެކަނި އުޅެނީކީވެސް ނޫނެވެ. އިންޞާފްވެރި އެއްބަސްވުމެއްގައި އަހަރެމެންވަނީ ގޭގެ ވެރިފަރާތާއިއެކު ސޮއިކޮށްފައެވެ. މިގޮތުން މިއެއްބަސްވުން ވެފައިވީ މުއްދަތު ހަމަވުމުން، އަހަރެމެން އެގެއިން ނިކުންނަން ޖެހިދޭ އެއްބަސްވުމަކަށެވެ. ކިތަންމެ ނުރުހުންވިކަމުގައި ވިޔަސް މީހެއްގެ ގޭގައި އެގޭގެ ވެރިފަރާތުގެ ހުއްދަޔާ ނުލާ އުޅޭނީ ކިހިނަކުންހެއްޔެވެ؟ އަދި ގޭގައި ކުއްޔަށް އުޅޭ މުއްދަތުގެ ތެރޭގައި ގޭގެ ޞާޙިބު ރުއްސުމަށް އަހަރެމެން ވަރަށް މަސައްކަތް ކުރަމެވެ. ޞާޙިބު މީހާ ކޯފާވެދާނެފަދަ ކުޑަވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމެވެ. ނަތީޖާއެއްގެ ގޮތުން ޞާޙިބު މީހާގެ ފަރާތުން ޚާއްޞަ ޢިނާޔަތްތަށް ލިބިދެއެވެ. ޞާޙިބު މީހާގެ ޤާނޫނުތަކަށް ފުރިހަމައަށް ތަބާވީތީއެވެ.

ތެދެކެވެ. އެތަނެއްގެ ދަށުން އަހަރެމެން ހިޔާވަހިކަން ހޯދަމުންމިދާ އުޑާއި އެތަނެއްގެ މަތީގައި ހިންދެމިލާ ބިމާއި އަދި ވަށައިގެންވާހާ ތަކެއްޗެއް އެތަނެއްގައި ލެއްވިގެންވާ މިކާއިނާތަކީ الله رب السماوات والأرض ގެ މިލްކުފުޅެކެވެ. މީގެން އެއްވެސް ޙިއްޞާއެއް އެހެން އެއްވެސް ފަރާތަކަށް މިލްކުވެގެނެއް ނުވެއެވެ. މިތަނުގައި އަހަރެމެންނަށް ނިސްބަތްވާ ރެވި އޮއްޓަރެއްގެ މިންވަރުވެސް ނުވެއެވެ. ﷲ ތަޢާލާ ދުނިޔެ އުފައްދަވާ، ދުނިޔޭގައި އުޅެގެން ޖައްނަތު ޙާޞިލް ކުރުމަށް އާދަމް عليه السلام އާއި ހައްވާ عليها السلام އަށް ﷲ ތަޢާލާ އެންގެވިއެވެ.

އެހެނަސް މިއަނިޔާވެރި އިންސާނާ މިއަދު އެކަން ހަނދާންނައްތާލައިފިއެވެ. އޭނާ އެތަނެއްގައި ވަގުތީ ގޮތުން (ކުއްޔަށް: އެބަހީ އަހަރުމެން ޚަލްޤުކޮށް މިދުނިޔެއަށް ފޮނުވިފައިވަނީ ﷲ އަށް އަޅުކަން ކުރުމަށް ޝަރުތު ކުރެވިގެންނެވެ.) ދިރިއުޅެމުންދާ ތަނުގެ ޞާޙިބުވަންތަ އިލާހަށް ފާޅުގައި ނުކިޔަމަންތެރި ވެއްޖެއެވެ. އެޞާޙިބްވަންތަ އިލާހުގެ ނަންފުޅުވެސް އޭނާގެ ކޮންމެ ދުވަހެއްގެ އެޖެންޑާއިން ފުހެލާ އޭނާގެ ޙައިސިއްޔަތު ހަނދާންނައްތާލައިފިއެވެ. އެހެނަސް އޭނާގެ ޞާޙިބު ވަންތަ އިލާހަކީ އެންމެ އޯގާވަންތަ ރަޙްމާން ވަންތަ ރަޙީމް ވަންތަ އިލާހު ކަމުން އޭނާއަށް ފުރުޞަތުދެއްވަވައި ހަނދުމަކޮށްދެއްވަވައެވެ.

¢أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَنْ لا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ£

އޭ އާދަމްގެ ދަރިންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަން އިލާހު ތިޔަބައިމީހުން ލައްވައި ޢަހުދެއް ނުކުރުއްވަވަން ހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެއީ ތިޔަބައިމީހުންގެ މައްޗަށްވާ ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ.(ސޫރަތުލް ޔާސީން – 60)

ނަމަވެސް އޭނާގެ ބޮޑާކަމާއިއެކު ފުރަގަސްދީ އެނބުރިދެއެވެ. މިދުނިޔެއަކީ ތިމާގެ އަމިއްލަ މިލްކެއްކަމުގައިނުވާ ހިނދުގައި އަދި މިއީ އަބަދަށް އުޅެން ހުރި ތަނެއްނޫންކަން އިނގޭ ޙާލުގައި ބޮޑާވެގަންނާނީ ފަހެ ބޮޑުވެގެންވާ މޮޔައެއް ނޫންހެއްޔެވެ. އަދި ހަނދުމަކުރާށެވެ. އެމީހަކަށް ބޯހިޔާވެހިކަމާއި ބަނޑުމުއްތި ކުރާނެ ކާބޯތަކެތި ދެއްވާ އުނުއޮރިޔާން ނިވާކުރާނެ އަންނައުނާއި އަދިވެސް އެހެނިހެން އެންމެހާ ނިޢުމަތްތައް ދެއްވެވި ފަރާތް ކަމުގައިވާ ޞާޙިބުވަންތަ އިލާހަށް ގޮންޖަހަން މަސައްކަތްކޮށް އެއިލާހުގެ ޤާނޫނާއި ދެކޮޅުހަދާ އެބަދަލު ކުރުމަށް މަސައްކަތް ކުރާނީ ކޮންފަދަ ގޮތްކުޑަ މީހެއްހެއްޔެވެ. މިފަދަ ގޮތެއްފޮތެއްނެތް މީހަކު އޭނާއާއި އެއްފަންތީގެ ނުވަތަ އޭނާއަށްވުރެ ދަށްނިކަމެތި އިންސާނަކާއިމެދު އިންޞާފުވެރިކޮށް ކަންތައް ކޮށްފާނެކަމަށް ޤަބޫލު ކުރެވޭހެޔެވެ. މިފަދަ މީހެއްގެ ކިބައިގައި އެއްވެސް އަދަބުއަޚްލާޤެއް ނުހުންނާނެ ކަމާއި މެދު ޝައްކެއްވެސް ނެތެވެ. މިބައިމީހުން މިފަދައިން އުޅޭނެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ސަބަބަކީ އެއިލާހީ މިބައިމީހުން ޚަލްޤުކުރެއްވެވި އިލާހެވެ. އެއިލާހު އަނގަވާފައިވެއެވެ.

¢وَإِذَا قِيلَ لَهُمْ لا تُفْسِدُوا فِي الأرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ (*) أَلا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لا يَشْعُرُونَ£

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެބައިމީހުންނަށް ބުނެވިއްޖެނަމަ، ތިމަންމެންނީ ހަމަ އިޞްލާޙު ކުރަން އުޅޭބަޔަކީމުއޭ، އެބައިމީހުން ބުނެއެވެ. ދަންނާށެވެ! ހަމަކަށަވަރުން، އެބައިމީހުންނީ، ހަމަ ފަސާދައުފައްދާމީހުންނެވެ. އެހެނެއްކަމަކު، އެބައިމީހުންނަކަށް އެކަންނޭނގެނީއެވެ.(ސޫރަތުލް ބަޤަރާ 11- 12)

ފަހެ މިއަށްވުރެ ހަރުކަށި ޙައްދުފަހަނަ އަޅައިގޮސްފައިވާ މީހަކީ ކާކުހެއްޔެވެ؟

މިއަދު އަހަރެމެން އަންހެނުންގެ ޙައްޤުތަކޭ ކިޔާ ގޮވާ އިލާހީ ޤާނޫނަށް ގޮންޖެހުމަށް މަސައްކަތް ކުރަމުން ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖަހަމުން މިބިންމަތީ ދުވަމުންދާއިރު ވިސްނާލަން ޖެއެހެވެ.

¢وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ أَلا إِنَّهُمْ هُمُ السُّفَهَاءُ وَلَكِنْ لا يَعْلَمُونَ£

އަދި އީމާންވި މީހުން ފަދައިން ތިޔަބައިމީހުން އީމާން ވާށޭ އެބައިމީހުންނަށް ބުނެވިއްޖެނަމަ، އެބައިމީހުން ބުނެއެވެ. މިތިބަ އުޅޭ މޮޔައިންތައް އީމާންވާގޮތަށް އަހަރުމެން އީމާން ވާނެހެއްޔެވެ؟ ދަންނާށެވެ! ހަމަކަށަވަރުން މޮޔާއިންނަކީ ހަމަ އެބައިމީހުންނެވެ. އެހެނަސް އެބައިމީހުންނަށް އެކަމެއް ނޭގެއެވެ.(ސޫރަތުލް ބަޤަރާ – 13)

އެއިލާހުގެ ކޯފާއަށްވުރެ އެއިލާހުގެ ރަޙްމަތް އަހަރެމެންގެ މައްޗަށް ތަނަވަސް ވެގެންނުވާނަމަ އެންމެ ކޯފާއަކުންވެސް މުޅިދުނިޔެ ފަނާކުރެއްވެވީހެވެ. ﷲ ކަމަކަށް އިރާދަކުރައްވާކަން ކަށަވަރީ އެކަމަކަށް كن (ވާށޭ) ވަޙީ ކުރެއްވުމުން (فيكون) ފަހެ އެކަމެއް ވެދެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވެވިއެވެ.

¢إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ£

ފަހެ ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެއިލާހު އަމުރުފުޅުވާކަން ކަށަވަރީ އެކަމަކަށް “ވާށޭ” ވަޙީ ކުރެއްވުމެވެ. ދެންފަހެ އެކަމެއް ވެދެއެވެ.(ސޫރަތުލް ޔާސީން – 82)

ޙިޔާލު ހުށަހެޅުއްވުމަށް....