އަންހެނުން އުފެއްދެވި އިލާހު ކަނޑައެޅުއްވި ޙައްޤުތަކަށް، ނިކަމެތި އިންސާނުން ގޮންޖަހަމުންދާ ހިނދު ބިރެއް ނުގަނޭބާ؟

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

¢مَا يَنْظُرُونَ إِلا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ£

ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެބައިމީހުން އިންތިޒާރެއް ނުކުރެއެވެ. އެބައިމީހުން އެކަކު އަނެކަކާއި ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެބައިމީހުން ގެންދަވާފާނެތެވެ.(ސޫރަތުލް ޔާސީން – 49)

މިއީ އިންސާނާގެ ހާލަތެވެ. ނިކަން މިކަމާއި ދެކޮޅުހަދާ މީހަކު ހުރެއްޖެނަމަ މިކާއިނާތަކީ ތިމާގެ އަމިއްލަ ތަނެއްކަމުގައި ހަދާ، ތިމާގެ ނިންމުންތަކާއި އެއްގޮތަށް ހިނގާ ތަނެއްކަމުގައި ހަދާބަލާށެވެ. އަދި ތިމާގެ އަޖަލު ބަދަލުކޮށް މަރުވުމުން އެއްކިބާވެ ބަލާށެވެ. ނުވަތަ އެހެން ޕްލެނެޓެއް އީޖާދުކޮށްބަލާށެވެ. ނުވަތަމިކާއިނާތުން ބޭރުގައި އާބާދުވެބަލާށެވެ. އެންމެހާ އިންސީންނާއި ޖިންނީން އެކުވެ މަސައްކަތް ކުރިކަމުގައިވިޔަސް މިއިން އެއްވެސް ކަމެއް ނުކުރެވޭނެކަން ﷲ ތަޢާލާ އަންގަވާފައިވެއެވެ.

އިސްލާމްދީނުގައި އަންހެނުންގެ އައުރަ ނިވާކުރުމަށް އަމުރު ކުރައްވާފައިވުމީ އަންހެނުންގެ މިނިވަންކަން ނަގާލުމޭ ނުވަތަ ޙައްޤުތައް ނިގުޅައިގަތުމޭ ކިޔާއިރު ވިސްނާލަނީ މީގެން ކިތަން މީހުން ހެއްޔެވެ؟ ދުނިޔޭގައި އިންސާނާއަށް އެންމެ ބޭނުންޖެހޭ އެތަކެއްޗަށް އެންމެ ހިތްއެދޭ ލޯބިވާ ތަކެއްޗަކީ ކޮބާހެއްޔެވެ؟ ފައިސާއެވެ. ފައިސާ ރައްކައުތެރިކުރަމަށްޓަކައި ތިޖޫރީތަކަށް ލާ ނުވަތަ ބޭންކްތަކަށް ލާ ނުވަތަ ބިމުއަޑީގައި ވަޅުލައިގެންނަމަވެސް ފޮރުވާފައި އެތަކެތި ބަހައްޓަނީ ކީއްކުރަން ހެއްޔެވެ؟ އެތަކެތި ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނާއި އެތަކެއްޗަށް ބޭނުންވާލެއް ބޮޑުކަމުންނެވެ. އަދި އެތަކެތި ގެއްލިދާނެތީ ގަންނާކުރައްވާ ބިރުންނެވެ. ހަމަ މިގޮތަށް ރަނާއި ޖަވާހިރުވެސް މެއެވެ. ﷲ ތާޢާލާ މިކާއިނާތުގައި ލައްވާފައިވާ އެންމެހާ އަނގުހުރި ތަކެއްޗެއް ލައްވާފައިވަނީ ހަމަ މިބީދައިންނެވެ. އިތާއިމުތާ މެދު ވިސްނާލަ ބަލާށެވެ. ﷲ ތަޢާލާ މުތް ލައްވާފައިވަނީ ފުންކަނޑެއްގެ އެންމެއަޑީގައި އޮންނަ އިތާއެއްގެ ތެރޭގައެވެ. އަދި އެކަނޑުގެ ކުލަ ﷲ ތަޢާލާ އަނދިރި ކުރެއްވެވިއެވެ. އިތާގެ ބޭރުގައި ފެހި ޖެހުން މެދުވެރި ކުރައްވާފައިވެއެވެ. ބޭރުފުށުން ފެނުމުން އޭގެތެރޭގައި އެހާ އަގުބޮޑު އެއްޗެއް ވެދާނެކަން މީހަކަށް ނުވިސްނޭނެ ގޮތަކަށެވެ. މިމުތް އެހޯދާބަޔަކަށް ހޯދެނީ ނުހަނު ބުރަމަސައްކަތުންނެވެ. އެކަމަށް އެތަކެއް ޚަރަދުތަކެއް ކޮށްގެންނެވެ. ޤުރުބާނީ ތަކެއް ވެގެންނެވެ. ﷲ ތަޢާލާ މިމުތް މިފަދަ ރައްކާތެރި ގޮތަކަށް ލެއްވެވީ ކީވެގެން ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. ފަސޭހައިން އަތްފޯރާފަށުގައި ހާމަކަން ބޮޑުގޮތެއްގައި ވާނަމަ އެއަށް ޙަމަލާ ނުދޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަދި މީސްތަކުން އެއާއި ހެދިގެން އެކަކު އަނެކަކާ ތާޅާފޮޅާ އެކަކު އަނެކަކު ޤަތުލު ކުރީހެވެ. އެކަނޑުގެ ކުލަ އަލި ކުރެވިފައިވީނަމަ އެކަނޑުގެ ފުންމިން ބެލުމެއް ނެތި މުތް ފެންނަ ހިނދު ކަނޑަށް ފުންމާލާނީ ކިތަން މީހުން ހެއްޔެވެ. ފަހެ ﷲ ގެ ހަޟްރަތުގައި އަންހެނާގެ މިޘާލަކީ އިތާގެ ތެރޭގައި އޮންނަ މުތެއްގެ މިޘާލެވެ. މުތް މިފަދައިން ފޮރުވި ރައްކާތެރި ކުރެވިފައިވުމުން އޭގެ އަގު ދައްވޭހެއްޔެވެ؟ ނޫނެކެވެ. ނަމަވެސް އޭގެ ދަރަޖަ އުފުލި އޭގެ އަގު އަތްނުފޯރާފަށަށް މަތިވެފައިވެއެވެ. ދެންފަހެ އަންހެނުންނަށް މިފަދަ މަތިވެރި ދަރަޖައެއް ލިބިއްޖެނަމަ އޭނާއަކީ ކޮންފަދަ އަގުހުރި މީހެއް ހެއްޔެވެ. ހަމަމިގޮތަށް ރަނާއި ރިއްސާއި ޖަވަހިރުތަކަކީވެސް ބިމުގެ އަޑީގައްޔާއި ހިލަފަރުބަދަތަކުގެ އަޑީގައި ރައްކައުތެރިކުރެވި ފޮރުވިފައިވާ ތަކެއްޗެވެ. އެތަކެތި ލިބުމަށް އެތަކެއް ބުރަ މަސައްކަތާއި ހޭދަތައް ކުރަން ޖެހެއެވެ.

ﷲ ތަޢާލާ އަންހެނާ އުފައްދަވާފައިވަނީ ވެސް ނުހަނު މަތިވެރި ގޮތަކަށެވެ. ފިރިހެނާ މަށިން އުފެއްދެވުމަށްފަހު އޭނާގެ ޅިނދު ކަށިގަނޑުންނެވެ. އަންހެނާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރި ކުރައްވާފައިވާ މިންވަރު އަހަރެމެންނަށް ތަޞައްވުރު ނުކުރެވޭނެއެވެ. އަންހެނާގެ އަބުރާއި ޢިތްޒަތަށް ކުޑަވެސް އުނިކަމެއް ލިބިދާނެ ހުރިހާ ކަމަކުން އެއިލާހު އަންހެނާ ރައްކައުތެރި ކުރެއްވެވިއެވެ. އެދުންވެރިކަމުގެ އިނގިއްޔެއްގެ މިންވަރުވިޔަސް (ނަހަމަ ގޮތުގައި) ދިއްކޮށްލުމަށް އެއިލާހު ރުހިވޮޑިގެން ނުވެއެވެ. ޢިތްޒަޒާއި ޢިތްފަތްތެރިކަން ރައްކައުތެރިކުރެވިގެންވާ ޙާލު ހައްޤުތައް އެންމެ ފުރިހަމައަށް ލިބިގެންވާ ބަޔަކުކަމުގައި ލެއްވެވިއެވެ. އެގޮތުން އިސްލާމީ ޙިޖާބުން ނިވާވެ އެންމެހާ ކަތި ނަޒަރުތަކުންނާއި ނުރައްކައުތެރި ރޭވުންތަކުން ރައްކައުތެރިވެ ގޭގައި ތިބުމަށް ﷲ އެންގެވިއެވެ.

މީގެ އެތަށް ސަތޭކަ އަހަރުތަކެއް ކުރިން މީސްތަކުން އެބައިމީހުންގެ ޝަރަފާއި ޢިތްޒަތް ގެއްލިދާނެކަމަށް އަންހެން ކުދިން ދިރިތިއްބާ ވަޅުލަމުން ގެއްދިޔައެވެ. މިއަދު ހަމަ މިފަދައިން ކަންތައް ވަމުން އައިނަމަ ހައްޤުތަކޭ ކިޔާ ދުވާކަށް މިއަދު އަހަރެމެން އެކަކުވެސް ނެތީސްކަން ކަށަވަރެވެ. އެހެނަސް ރައްބުލް ޢާލަމީން އިސްލާމްދީނައިގެން ކައުއިތުރު ނަބިއްޔާ މުޙަންމަދު (صل الله عليه وسلم) ފޮނުވައްވަވައި އެކަންތައްތައް މަނާކުރައްވައި މިބިންމަތިން އެސުންޕާ ޢަމަލް ފުހެ ލެއްވި ހަނދާން އަހަރެންމެން ނެތުނީ ހެއްޔެވެ؟ އެކަމަށްޓަކައި އަހަރުމެން (މުސްލިމު) އަންހެނުން ﷲ ތަޢާލާއަށް ތާއަބަދު ޝުކުރުވެރިވާން ނުޖެހޭ ހެއްޔެވެ؟ ފަހެ އެދުވަހު އަންހެނުންވީ އެބައިމީހުންނަށް (މައިންބަފައިންނަށާއި ޢާއިލާއަށާއި މުޖްތަމަޢުއަށް) ބޮޑު ހުތުރަކާއި ލަދަކަށެވެ. ބޭނުމެއް ނެތް ބަޔަކަށެވެ. އެބައިމީހުންގެ ފުރާނައިގެ އަގެއްނެތެވެ. އަދި އެކަމާއިމެދު ވަކާލާތު ކުރާނެ އެއްވެސް މަޚްލޫޤެއް މިބިންމަތީގައި ނެތެވެ. އިސްލާމްދީނުގެ މަތިވެރި ނޫރު މިބިންމައްޗަށް ފާޅުވުމާއެކު ނިކަމެތި ކުރެވިގެންވީ އަންހެނާގެ ޙައްޤުތައް އޭނާއަށް ހޯދައިދިނެވެ. އޭނާގެ ފުރާނައިގެ އަގު އެންމެ ފުރިހަމަ ގޮތުގައި ލިބިދީފިއެވެ. އޭނާގެ ދަރަޖަ އުފުލި މަޤާމް މަތިވެރި ކުރުވައިފިއެވެ. ޒަމާންތަކަކަށްފަހު މިއަދު އަނެއްކާ މިފެންނަނީ އެޢިއްފަތާއި ޢިއްޒަތް ވެއްޔާއި މޮޑެވެމުންދާތަނެވެ. ނުވަތަ އަމިއްލަ އަތްތަކަށް އެކަމަށް ހުށަހެޅޭ ތަނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ތަފާތު އެކި ގޯނާތައްކޮށް ހަދާ އަޑެވެ. ހުތުރު ބަސްތައް ރައްދު ކުރެވެމުންދާ އަޑެވެ. އަދި ﷲ ގެ ދަރުބާރުގައި މިއީ ވަރަށް ބޮޑުކަމެކެވެ. އެހެނަސް އަންހެނުން (އެބަޔަކަށް ﷲ ރަޙްމަތް ލެއްވިބައެއް ފިޔަވާ) މިއަދު މިވަނީ ޣާފިލްކަމުގެ މިދުނިޔޭގައި ވާނުވާ ނޭނގޭ އާވާރާއިންތަކެއް ފަދައިންނެވެ. ﷲ ތަޢާލާގެ ދަރުބާރު ދޫކޮށް މަގުތަކަށް އެބައިމީހުންގެ ހައްޤުތަށް ހޯދުމަށް ނިކުމެފައެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....