އޭގެ ގޮފިތައް އުޑާ ހަމައަށް ފޯރައެވެ…

އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް…

ތިބާ އެންމެ ފުރިހަމަ އީމާންކަމާއި އެންމެ ފުރިހަމަ ސިއްޙަތުގައި ވާ ޙާލު މި މެސެޖް ފޯރުކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމެވެ.

”….ދުނިޔެމަތީގައި އިބްން ތައިމިއްޔާ (رحمه الله) އަށާއި ސައްޔިދު ޤުޠުބު (رحمه الله) އަށް ދިމާވި ކަންތައްތަކާމެދު ވިސްނާލުމުން ﷲތަޢާލާގެ މި ބަސްފުޅުގެ މާނަ ވިސްނެއެވެ.

¢أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ (٢٤)£

ﷲ، ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުން ކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯ އެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ރަނގަޅު ގަހެއްގެ މިސާލެވެ.” (ސޫރަތު އިބްރާހީމް 24)

އިބްން ތައިމިއްޔާ (رحمه الله) އަވަހާރަވީ ޖަލުގައި އޮންނަވަނިކޮށް ހިޖުރައިން 726 ވަނަ އަހަރު އެވެ. އަދި އެކަލޭގެފާނުގެ ފޮތްތައް އަންދާ ލެވުނެވެ. އެކަލޭގެފާނާއި އިބްން ޤައްޔިމް (رحمه الله) އާއި ދެބޭކަލުން ދިމިޝްޤްގެ މަގުތައް މަތީގައި ދަމަމުން ގެންދެވުނެވެ. އަދި އެބޭކަލުންގެ ފަހަތްޕުޅުން އެ އަވަށުގެ އަވަށްޓެރިންގެ ކުޑަކުދިންތައް އެބޭކަލުންނަށް މަލާމާތް ކުރަމުން އަތްތިލަ ބަޑި ޖަހަމުން ގެންދިޔައެވެ. އިބްން ތައިމިއްޔާ (رحمه الله) ޖަލުގައި ހުންނަވައިގެން ލިޔުއްވާ އުޅުއްވި އެވެ. އެހެންކަމުން، ޖަލުގެ މީހުން އެކަލޭގެފާނުގެ ގަލަންކޮޅާއި ގަނޑު ގެންދިޔައެވެ. އެހެންކަމުން، އެކަލޭގެފާނު ގައު ކޮޅު ބޭނުންކުރައްވައިގެން ޖަލުގެ ފާރުތަކުގައި ލިޔުއްވަން ފެއްޓެވި އެވެ. ‘އަލް-ހަމަވިއްޔާ’ ނުވަތަ ‘އައް-ތަދްމޫރިއްޔާ’ އޭ ކިޔުނު ފޮތްތަކުގެ ލިޔުންތައް ކޮޕީ ކުރެވުނީ ޖަލުގެ ފާރުތަކުންނެވެ. އިބްން ތައިމިއްޔާ (رحمه الله) އަވަހާރަވީ ހިޖުރައިން 726 ވަނަ އަހަރުގައެވެ. އަދި އެކަލޭގެފާނާއި ވާދަކުރި ޝެއިޚުންތަކަށް ހީވީ އެމީހުންނަށް އެކަލޭގެފާނުގެ ކިބައިން ސަލާމަތް ވެވުނީ ކަމުގައެވެ. އަދި ފުރިހަމަ 4 ޤަރުނަށް ފަހުގައި ޢަރަބި ކަރައިގެ އަންހެނެއްގެ ބަނޑުން އިބްން ތައިމިއްޔާ (رحمه الله) ގެ ފޮތްފުޅުތަކަށް ލޯބިކުރެއްވި ބޭކަލަކު އުފަންވެވަޑައިގަތެވެ. އަދި އެ ފޮތްތަކުން އެބޭކަލަކު ކިޔަވާވިދާޅުވިއެވެ. އެބޭކަލަކީ، ޝެއިޚް މުޙައްމަދު ބިން ޢަބްދުލް-ވައްޙާބް (رحمه الله) އެވެ. މުޙައްމަދު ބިން ޢަބްދުލް-ވައްޙާބް (رحمه الله) ވަނީ އައް-ދަރިއްޔާ އޭ ކިޔުނު ސަރަޙައްދުން އެކި ތަންތަނަށް ފޮނުވާލެވިފައެވެ. މިގޮތަށް ޢިރާޤަށްވެސް ފޮނުވާލެވުނެވެ. އޭގެ ފަހުގައި، އެކަލޭގެފާނު އެނބުރެވިވަޑައިގަތެވެ. އަދި ﷲތަޢާލާ މުޙައްމަދު ބިން ސަޢުދު ގެ ހިތް މުޙައްމަދު ބިން ޢަބްދުލް-ވައްޙާބް އާމެދުގައި މަޑުކުރެއްވެވި އެވެ.

އެހެންކަމުން، މުޙައްމަދު ބިން ޢަބްދުލް-ވައްޙާބް (رحمه الله) ގެ މަސައްކަތްޕުޅަށް އެހީތެރިވެދިނުމަށް މުޙައްމަދު ބިން ސަޢުދު އެއްބަސްވެ އެގޮތަށް ކަންތައް ކުރި އެވެ. މިކަމާއި ގުޅިގެން މުޅި ދުނިޔެ ކެކި އަރަން ފެށި އެވެ. މުޙައްމަދު ޢަލީ ބަޝާގެ ދަރިފުޅު ކަމުގައިވާ އިބްރާހިމް ބަޝާ އާއި ސީރިއާ އާއި މިސްރުގެ ގުޅިފައިވާ ލަޝްކަރެއް މުޙައްމަދު ބިން އަބްދުލް-ވައްޙާބް (رحمه الله) ގެ ދަޢުވާ ފުނޑުފުނޑުކޮށްލުމަށާއި އެ ދަޢުވަތު ނަޖުދުން ބޭރުކުރުމަށް ފޮނުވުނެވެ. އަދި ނަޖްދުގައި އެ ދަޢުވާ ހިންގާ އިސްވެރިއެއްކަމުގައިވާ އުބައިދުﷲ ބިން ސަޢުދު ހައްޔަރުކުރެވުނެވެ. އެއަށްފަހުގައި އެމީހުން ހީކުރީ މި ދަޢުވާ ނިމުނީ ކަމުގައެވެ. މީގެ 50 އަހަރު ކުރިން މުޙައްމަދު ބިން ސަޢުދުގެ ދަރިއެއްކަމުގައިވާ ޢަބްދުލް ޢަޒީޒް އަމީރަކަށް ވެވަޑައިގަތެވެ. ޢަބްދުލް ޢަޒީޒްގެ ދުވަސްވަރުގައި، ކެއުމަށްޓަކައި ކުޑަ ކަދުރު ކޮޅެއް ހޯދުމަށްޓަކައި މީސްތަކުން އެތަންމިތަނަށް ދެއެވެ. ނަޖްދުގެ އަޙުލުވެރިއަކު އަޅުގަނޑުގެ ގާތުގައި ބުންޏެވެ. “ބަނޑުހައިހޫނުކަމުގެ ދުވަސްވަރުން ދުވަހެއްގައި، ހިނީގެ ވާދީތައް އަހަރެމެން ކޮންނަމެވެ. އަދި ހިނި އެއްކޮށްފައި ހުންނަ ގޮދަން ކޮޅު ކައި އުޅެމެވެ. ކޮންމެ ދުވަހަކު ކަދުރު ކެއުމަކަށް ކުޅަދާނެވެގެން ނުވެއެވެ. އަދި އަހަރެމެންނަށް ކަދުރު ކާން ލިބެނީ އެއްދުވަހު އެވެ. އަދި ޖެހިގެން އަންނަ ދުވަހު އެ ކަދުރުގެ އޮށުގައި ލޮއި ހަދަމެވެ.”

ގަހުގައި ކަދުރު އަޅާފައި ހުންނަ ބައި ނަގައިގެން އެބައިމީހުން އެބައި ދޮވެ އެވެ. ނަޖްދުގެ މީހުން އެބައިމީހުން ފެންއަޅާ އާލާތްތައް ހިފައިގެން އައިސް އެބައިން ދޮވުނު ފެންތައް ނަގައެވެ. ޕެޓްރޯލިއަމް އަރަބި ކަރައިގެ ތެރޭގައި ލެއްވުމަށް ﷲތަޢާލާ ޢިރާދަކުރެއްވިއެވެ. އަދި ނަޖްދުގައި އިބްން ތައިމިއްޔާ (رحمه الله) ގެ ފޮތްތައް ޗާޕުކުރެވުނެވެ. ޗާޕްކުރެވި ބެހިގޮސް ދުނިޔޭގެ އެއްވެސް ލައިބްރަރީއެއްގައި އިބްން ތައިމިއްޔާ (رحمه الله) ގެ ފޮތްތައް ނުވާ ލައިބްރެރީ އެއް ނެތެވެ. މިއަދު، ތިބާ މީހަކު ހަމަހިމޭން ކުރުވުމަށް ބޭނުންނަމަ، ތިބާ ހަމައެކަނި މިފަދައިން ބުނެއެވެ. އިބްން ތައިމިއްޔާ (رحمه الله) މިފަދައިން ވިދާޅުވިއެވެ. އަދި މިހެން ބުނުމުން އެމީހާ ހަމަހިމޭންވެއެވެ. (ހެޔޮ ބަހަކީ ރަނގަޅަށް މޫލާފައިވާ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އަދި އޭގެ ގޮފިތައް އުޑާއި ހަމައަށް ފޯރައެވެ. އަދި އޭގެ ވެރި އިލާހުގެ އިޒްނަ ފުޅާއިއެކު އޭގެން އަބަދުވެސް މޭވާ ލިބިލިބި ހުރެ އެވެ.)

ސައްޔިދު ޤުޠުބް (رحمه الله) ގެ ޙަޔާތްޕުޅުވެސް ހަމަ އެފަދައިންނެވެ. އެކަލެގެފާނު އަވަހާރަކޮށްލެވުނީ މަގުމައްޗަކު ނޫނެވެ. ޖަލުގައެވެ. އެބައިމީހުން އެކަލޭގެފާނު ޝަހީދުކޮށްލީ ޖަލުގެ އަނދިރި ކޮޓަރިއެއްގައެވެ. އެކަލޭގެފާނުގެ މަހާނަ ވީތަނެއް މިއަދާހަމައަށް އެއްވެސް މީހަކަށް ނޭގެއެވެ. އެކަލޭގެފާނު ވަޅުލެވުނީ ކޮންތަނެއްގައި ކަމެއް އަމިއްލަފުޅު ޢާއިލާގެ މެމްބަރުންނަކަށްވެސް ނޭނގެ އެވެ. އެކަލޭގެފާނުގެ ޒަމާންވީ ރަޙްމަތްތެރިއެއް އަޅުގަނޑުގެ ގާތުގައި ބުންޏެވެ. “މަހާނަ ވީތަން އެނގޭނަމަ ނޫންތާ އެތަނަށް ޒިޔާރަތްވެސް ކޮށްލެވޭނީ.” ދެން އަޅުގަނޑު އެމީހާ ގާތުގައި ބުނީމެވެ. “އެކަލޭގެފާނުގެ ވެރި އިލާހު ދެނެވޮޑިގަންނަވައެވެ. ކަލޭމެންނަށް އެނގުމުގެ ބޭނުމެއް ނެތެވެ.” ސައްޔިދު ޤުޠުބު (رحمه الله) ޝަހީދުކޮށްލެވުނު ދުވަހުގައި، ‘ފީ-ޡިލާލް އަލް-ޤުރުއާން’ އޭ ކިޔުނު ފޮތުގެ 6 ނުވަތަ 8 ހާސް ކޮޕީ މިސްރުގެ މައި މަގުތައް މަތީގައި އަންދާ ލެވުނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ފޮތުގެ 64000 ބާބު އަންދާލެވުނެވެ. އެމީހެއްގެ އަތުގައި ސައްޔިދު ޤުޠުބު (رحمه الله) ގެ ފޮތެއް އޮތް ކޮންމެ މީހަކު، ޙާއްޞަ ގޮތެއްގައި ‘މަޢާލިމް ފިއްތާރިޤް’ އޮތް މީހުން 10 އަހަރަށް ޖަލަށް ލެވުނެވެ. ސައްޔިދުގެ ފޮތްތަކާމެދު ޢަމަލު ކުރެވުނީ އަފިހުނާ މެދުގައި ޢަމަލުކުރާ ފަދައިންނެވެ! ޙަޤީޤަތުގައި އެ ފޮތްތައް އަފިހުން ފަދައެވެ. އެފޮތްތަކުން އިންޒާރުދެނީ މަރިޖުއާނާއާއި ދެކޮޅަށް އިންޒާރުދޭ ފަދައިންނެވެ.

ސައްޔިދު ޤުޠުބު (رحمه الله) ޝަހީދުކޮށްލެވުމުން، ޢަރަބި ރޭޑިއޯއިން ބުނެފައިވަނީ ސައްޔިދު ޝަހީދުކޮށްލެވުނީ އުއްމު ކުލްޘޫމް މަރާލަން އުޅުމުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތައް ހަލާކުކޮށްލުމަށް އުޅުމުންނާއި އަދި ޤުރުއާން ގެނެސްދޭ ރޭޑިއޯ ސްޓޭޝަންތައް ހަލާކުކޮށްލަން އުޅުމުން ކަމަށެވެ. އަދި ސައްޔިދު އާއި ހުޅަނގުގެ ސިއްރު އެޖެންސީތަކާއި ގުޅުން އޮތުމުން ކަމަށެވެ. އަދި ސައްޔިދު އަކީ ހުޅަނގުގެ އެޖެންޓެއް ކަމުގައި ބުންޏެވެ. ޢަރަބި ރޭޑިއޯގެ އެނައުންސަރ އަޙުމަދު ސަޢީދު، ސައްޔިދު އާއި ބެހޭގޮތުން މިފަދައިން ބުނަނިކޮށް އަޅުގަނޑު އަޑުއެހީމެވެ. “ދިޔައީ ޖަހަންނަމައަށެވެ. އަދި ކޮންފަދަ ނުބައިކަންބޮޑު މަންޒިލެއް ހެއްޔެވެ.”

އެ ޖީލު، އެޖީލަށް ނިސްބަތްކޮށް މިފަދައިން ސުވާލުކުރި އެވެ: ‘މަރާލެވުނު މި މީހަކީ ކާކުހެއްޔެއްވެ؟ ‘މަޢާލިމް ފިއް-ޠާރިގް’ މިއީ ކޮން ފޮތެއް ހެއްޔެވެ؟ އަދި އެ ފޮތެއްގެ ސަބަބުން ސައްޔިދު ޤަތުލުކޮށްލެވުނު ފޮތްކަމުއިވާ ‘ފީ ޡިލާލް އަލް-ޤުރުއާން’ އަކީ ކޮން ފޮތެއް ހެއްޔެވެ؟.’ އެހެންކަމުން، މި ފޮތްތައް ކިޔުމަށްޓަކައި އެންމެން މިފޮތްތައް ހޯދަންފެށި އެވެ. މިކަން ހިނގާ ދިޔަ މިންވަރަކީ، ބެއިރޫތްގައި ބަނގުރޫޓް ވަމުން އައި ކްރިސްޓިއަން ޗާޕްކުރާ ކުންފުންޏަށް ބައެއް ނަޞާރާއިން ނަޞޭޙަތްތެރިވީ ކުންފުނި ސަލާމަތްކުރަން ބޭނުންނަމަ ‘ފީ ޡިލާލް އަލް-ޤުރުއާން’ މިފޮތް ޗާޕް ކުރުމަށެވެ. އަދި މިހެން ބުނުމުން އެ ކުންފުނިން އެކަން ކުރި އެވެ. އަދި ސައްޔިދު ޤުޠުބު (رحمه الله) ޝަހީދުކޮށްލެވުނު އަހަރުގައި އެ ފޮތް ހަތް ފަހަރު މަތިން ޗާޕްކުރެވުނެވެ. ނަމަވެސް ސައްޔިދުގެ ޙަޔާތްޕުޅުގައި އެ ފޮތް ޗާޕް ކުރެވުނީ ދޮޅު ފަހަރުއެވެ. އަދި ދެވަނަ ފަހަރަށް ޗާޕް ކުރުން ނުވެސް ނިންމައެވެ. ސައްޔިދުގެ ފޮތްތައް ކިޔާ ހެދި އެންމެނަށްވެސް އެ ފޮތްތަކުން އަސަރުކުރުވި އެވެ. އަދި އެމީހުންވަނީ ﷲގެ ޙަޟްރަތަށް ގޮސްފައެވެ. މީސްތަކުން އެ ފޮތްތައް ކިޔުމުން މަޙްރޫމް ކުރުވި މީހުންނަށް ﷲގެ ލަޢުނަތާއި ކޯފާއައެވެ. ސައްޔިދުގެ ފޮތްތައް މަގުތައް މަތީގައި އަންދާ ހެދުނު ވަގުތުގައި އެމީހުން މަގުތައް މަތީގައި ފުމެ، އަޑުލައްވާ އެކޮޅު ކޮޅުން ޖެހުނު ހިނދުގައި، މިއަދު ސައްޔިދުގެ ފޮތެއް އެބައެއްގެ އަތުގައި ނެތް މުސްލިމު ބައިގަނޑެއް ނުފެންނާނެ އެވެ. އަދި އެ ފޮތްތައްވަނީ ގާތްގަނޑަކަށް ހުރިހާ ބަހަކަށް ތަރުޖަމާ ކުރެވިފައެވެ….”

އަޞްލު: (‘ފީ ޡިލާލް ސޫރަތުއް ތައުބާ’: ސަފްޙާ ނ. 243-242)