ރޯދަމަހަށް ތައްޔާރުވަމާ ހިނގާ

ރޯދަމަހަކީ މުސްލިމުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރި ކަމެއް ގެނެސްދޭ މަސްސަރެކެވެ. އެއީ ކީރިތި ޤުރުއާން ބާވާލެއްވި މަސްސަރެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ކިޔަވައިދިނުމުގެ މަސްސަރެވެ. ދަމުނަމާދު ކުރުމާއި ތަރާވިހް ނަމާދު ކުރުމުގެ މަސްސަރެވެ. އަދި ޞަދަޤާތް ދިނުމާއި ފިތުރު ޒަކާތް ދޭން ޖެހޭ މަސްސަރުވެސް މެއެވެ.

އެއްވެސް މީހަކު ތައްޔާރު ނުވެ އެއްވެސްތާކަށް ނުދާނެއެވެ. އަދި އެއްވެސް މީހަކު ތައްޔާރު ނުކޮށް އެހެން މީހަކަށް ދަޢުވަތެއް ނުދޭނެއެވެ. ހަމަ މިފަދައިން އަހަރެމެން ރޯދަމަހަށް މަރުޙަބާ ކިޔާ ހިނދުގައި ވާންޖެހޭ ތައްޔާރިތައް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

  • މިއަދުން ފެށިގެން ހަފްތާގެ ކޮންމެ ހޯމަދުވަހާއި ބުރާސްފަތިދުވަހު ރޯދައަށް ހުންނަން އާދަކުރާށެވެ.
  • ކޮންމެ ދުވަހަކު ފަތިސްނަމާދު ކުރުމަށް ފަހުގައި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔުމަށް އާދަކުރާށެވެ.
  • ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާ އަޑުއެހުމަށް ވަގުތު ހޭދަކުރުމަށް އާދަކުރާށެވެ.
  • ރޭގަނޑުގެ ކުރީބައިގައި ނިދަން އާދަކުރާށެވެ. ލަހުން ނިދުމުގެ ސަބަބުން ފަތިސްނަމާދަށް ނުހޭލުވުން ގާތް ވާނެތީއެވެ.
  • ތިބާގެ ނަފްސު ޠާހިރުކަންމަތީ ބެހެއްޓުމަޓަކާއި އަބަދުމެ ވުޟޫ މަތީ ހުރުމަށް އާދަކުރާށެވެ.
  • ނިދުމުގެ ކުރިން ތިބާ ކުރެވުނު ކަންކަމާއި މެދު ވިސްނާ ހިސާބުކުރަން އާދަކުރާށެވެ.
  • ތިބާގެ ހެޔޮ ޢަމަލަށް ﷲ ގެ ޙަޟްރަތަށް ޝުކުރުކުރާށެވެ. އަދި ކުރެވުނު ގޯސް ކަންތަކާއި ފާފަތަކަށް ﷲ ގެ ޙަޟްރަތުން ތައުބާވާން އާދަކުރާށެވެ.
  • އެކަނި ވަގުތު ހޭދަކުރާށެވެ. އަދި ތިބާގެ ޙަޔާތާއި ދޭތެރޭ ވިސްނައި ފިކުރުކޮށް، އެވަގުތު ތަކުގައި ޒިކުރުކުރުމާއި ތަޞްބީޙަ ކިޔުން އާދަކުރާށެވެ.
  • ތިބާގެ ކެއުމާއި ބުއިން ކޮންމެހެން ކުރަން ޖެހޭ އާދައަކަށް ވީ ފަދައިން، ކިތައްމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެ ދުވަހަކުހެން ޞަދަގާތް ކުރުން އާދަކުރާށެވެ.
  • ފޮތް ކިޔުމުގައި ވަގުތު ހޭދަކުރާށެވެ. ވަކިން ޚާއްޞަކޮށް ޤުރުއާން، ސިޔަރަތު، ޙަދީޘް އަދި ފިޤްހީ ފޮތްކިޔުން އާދަކުރާށެވެ.
  • ވަގުތު ހޯދައިގެން އެހެން މީހުންނަށް ތިބާގެ ޢިލްމުންނާއި ހުނަރުން އެހީތެރި ވާން އާދަކުރާށެވެ. އަދި އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައި އެކިއެކި އާޓިކަލްތައް ލިޔާށެވެ. އެގޮތުން އުއްމަތުގެ ޙާލާތާއި، ޣައިރު މުސްލިމުންނަށާއި އަދި މުސްލިމުނަށް ނިސްބަތްކޮށް ތިބާއަށް ވީވަރަކުން ލިޔަން އާދަކުރާށެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....