ރޯދަ ވީއްލާ ގަޑީގައި މާގިނައިން ކެއުން

[… ރޯދަ ވީއްލާ ގަޑީގައި، މީހަކު އެމީހެއްގެ ބަނޑު ފުރެންދެން ކައިގެން ނުވާނެއެވެ. އަދި ފުރިފައިވާ ބަނޑު ފިޔަވައި، ﷲ ގެ ނުރުއްސެވުންވާ އެހެން ކަންވާރެއް ނުވެއެވެ. އަދި މި ޢަދުއްވުގެ މައްޗަށް ގަދަވެ، އަދި އޭނާގެ އެދުން މުގުރާލައި، އޭނާއަށް ދުވާލު ގަޑީގައި ގެއްލިގެން ދިޔަ ކެއުމުގެ ހުރިހާ އެއްޗެއް ހޯދައިގަންނަން ރޯދަ ވީއްލާ ނަމަ، މީހަކަށް އޭނާގެ ރޯދައިން ފައިދާކުރާނީ ކިހިނެއްތޯއެވެ؟ އަދި އެއާއި ޚިލާފަށް، ބައެއްމީހުން ދުވާލު ގަޑީގައި ކައިނޫޅޭ މިންވަރަށް ވުރެ އިތުރަށްވެސް ކައި އުޅެއެވެ. ރަމަޟާން މަހުގައި އެތައް ވައްތަރެއްގެ ކާނާ ހެދުމާއި، އެހެން މައްސަރު ތަކަށް ވުރެ، ރަމަޟާން މަހުގައި ކެވޭ މިންވަރު އިތުރުވުމާއި ހަމައަށް މި އާދަ ވަނީ ތަކުރާރުވަމުން އައިސްފައެވެ.

ރޯދައިގެ މައިގަނޑު މަޤްޞަދަކީ، ނަފްސު ޠާހިރުކޮށް، އަމިއްލަ އެދުންތަކުން ދުރުހެލިވުމެވެ. އެއީ ނަފްސަށް ތަޤްވާވެރިކަމުން ބާރު ލިބިދިނުމަށްޓަކައެވެ. އެހެންކަމުން، ރޭނގަޑާއި ޖެހެންދެން މުޅި ދުވަހު ތިބާގެ ހަޖަމުގެ ނިޒާމަށް ކާނާއެއް ނުދީ، އޭތި ކާނާއަކަށްޓަކައި އެދިއެދި ހުރުމުގެ ސަބަބުން މޮޔަވެދާ ޙާލު ބަހައްޓައިފިނަމަ، އަދި އޭގެ ފަހުން ހިތްފުރޭވަރަށް އޭތި ބޭނުން އެއްޗެއް ކާން ދީފިނަމަ، މީގެ ސަބަބުން އޭގެ އެދުމާއި އަދި އޭގެ ހަކަތަ އިތުރުވެގެން ދާނެއެވެ. އަދި އޭތި މީގެ ކުރީގައި ޢާއްމުކޮށް އެތެރެކޮށް އުޅުނުއިރު ނުހުންނަ އެދުމެއް އޭގައި އެކުލެވިގެންދާނެއެވެ.

އެހެންކަމުން، ރޯދައިގެ ޖަޥްހަރާއި ސިއްރަކީ، ތިބާ ނުބަޔަށް ވާޞިލްކޮށްދޭ ޝައިޠާނާގެ އާލާތްތަކަށް މަގުދައްކާއިދޭ، މި ހަކަތަ ބަލިކަށިކޮށްލުމެވެ. އަދި ތިބާގެ ކެއިންބުއިން މަދުކޮށްގެން މެނުވީ މިކަމެއް ނުވާނެއެވެ. ތިބާ ރޯދަ ވީއްލާއިރު، ރޯދައަށް ނުހުންނަ ގަޑިތަކުގައިވެސް ތިބާ ކައިއުޅޭ ވަރަށް ކައިއުޅޭށެވެ. އެކަމަކު، ތިބާ ދުވާލުގެ ވަގުތުގައި ކައިފާނެ މިންވަރާއި، ޢާއްމުކޮށް ރޭނގަޑުގައި ކައިއުޅޭ މިންވަރު އެއްކޮށް، ރޯދަ ވީއްލަން އުޅެފިނަމަ، ނިމިގެންދާނީ ތިބާ ރޯދައިން ތިބާއަށް އެއްވެސް އެއްޗެއް ނުލިބިއެވެ.

އަދި އެހެންމެ، ރޯދަ ހިފުމުގެ އަދަބުތަކުގެ ތެރެއިން، ދުވާލު ވަގުތުގައި ގިނައިން ނުނިދުން ހިމެނެއެވެ. އެއީ ބަނޑުހައިހޫނު ކަމާއި ކަރުހިއްކުން އިޙުސާސް ކުރުމަށްޓަކައެވެ. އަދި މި ހަކަތަ ބަލިކަށިކޮށްލުމަށްޓަކައެވެ. މީގެ ސަބަބުން ހިތް ޠާހިރުވެގެންދާނެއެވެ. އަދި ކޮންމެ ރެއަކު މި ހަކަތަ ބަލިކަށިކޮށް ދަމަހައްޓައިދޭނެއެވެ. އޭގެ ސަބަބުން ރޭގަނޑުގައި ނަމާދު ކުރުމަށާއި އަދި ޤުރުއާން ކިޔެވުމާއި ﷲ ގެ ޛިކުރުކުރުމަށް ފަސޭހަވެގެން ދާނެއެވެ. ފަހަރެއްގައި، މީގެ ސަބަބުން ތިބާގެ ހިތައް ވާޞިލުވިޔަ ނުދީ ޝައިޠާނާ ދުރުހެލިކޮށްދޭނެއެވެ. އަދި އުޑުތަކުގައިވާ ރަސްކަމުގެ ތަކެއްޗަށް ބެލުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި [ލައިލަތުލް ޤަދްރި (ޤަދްރުގެ ރޭ)] އަކީ ރަސްކަމުގައިވާ ބައެއް ތަކެތި ފެނިގެންދާ ރެއެކެވެ. އަދި ﷲ ގެ މި ބަސްފުޅު [ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އެފޮތް ބާވާލެއްވެވީ، ޤަދްރުގެ ރޭގައެވެ.] ގެ މާނައަކީ މިއީއެވެ.

އަދި އެމީހެއްގެ ހިތާއި މޭމައްޗާއި ދެމެދު ކާނާގެ ފަރުދާއެއް އަޅައިފި މީހާ، އެމީހަކާއި މި ރަސްކަމުގެ ތެރެއިން ދައްކާލެވޭ ތަކެއްޗާއި ދެމެދު ފަރުދާއެއް ވާނެއެވެ. އަދި ﷲ ފިޔަވައި އެހެން ތަކެތިން ތިބާގެ ސިކުނޑި އެއްކިބާ ނުވެއްޖެނަމަ، މި ފަރުދާ އުފުއްލުމަށްޓަކައި ތިބާގެ ބަނޑު އެއްކިބާކޮށްލުމަކުން ނުފުދޭނެއެވެ. އަދި މައިގަނޑު ނުޤުތާއަކީ މިއީއެވެ.

މިހުރިހާކަމެއްގެ ފެށުމަކީ، ތިބާ ކެއުންބުއިން މަދުކުރުމެވެ…]

[އިޙްޔާ ޢުލޫމުއްދީން] 1/303

ޙިޔާލު ހުށަހެޅުއްވުމަށް....