ހިތި ނިމުން

މުސްލިމު ދެމަފިރައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެކެވެ. ދުނިޔޭގައި އޭނާ އެދޭނަމަ އެދޭ އެންމެހާ އުފާތަކާއި އަރާމު އޭނާއަށް ހޯދާ ދެއެވެ. މައިންބަފައިންގެ މުއްސަނދިކަމުގައި، ފައިސާއާއި މުދަލުގައި ފީނާ ފަތަމުން ދިޔަ ޒުވާނާއާއި ވަރުގަދަ އިމްތިޙާނަކާ ކުރިމަތި ލާން ޖެހިއްޖެއެވެ. އޭނާ ދިރިއުޅޭ ބޮޑުގެއާއި ވަރަށް ކައިރީގައި ހުންނަ މިސްކިތެކެވެ. ޒުވާނާ އެމަގުން ހިނގާ ބިނގާވެ އުޅުމުގެ ތެރޭގައި ކޮންމެއަކަސް މިމިސްކިތުގެ އިމާމު މީހާ އާއި ބައްދަލުވެ ދެކެ ފަރިތަވެ ގާތް ގުޅުމެއް އުފެދިއްޖެއެވެ. ދެމެދުގައި ވާހަކަ ދެކެވެން ފަށައިފިއެވެ. އިމާމު މީހާ މިޒުވާނާއަށް އިސްލާމްދީނުގެ ރިވެތި އަޚްލާޤުތަކާއި އުޞޫލުތައް ކިޔާދޭން ފެށިއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭން ފެށިއެވެ. ޤުރުއާނުގެ ތިލާވަތު އިއްވަން ފެށިއެވެ. ޒުވާނާގެ ހިތުގައި އިސާހިތަކު ހިދާޔަތުގެ ނޫރުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ. އަދި މަޑުމަޑުން އެއަލިކަން އޭނާގެ ޖިސްމުގެ އެންމެ ހިމަ ނާރާއި ހަމައަށް ފޯރައިފިއެވެ.

އެހިނދު އޭނާ ﷲ ގެ ވަޖުހުފުޅައްޓަކައި ދިރިއުޅުމުގެ މުޅިން އާބާބެއްގެ ބިންގަލެއް އެޅުމުގެ ޢަޒުމު ކަނޑައެޅިއެވެ. ލޯބިވާ މައިންބަފައިންގެ ފަރާތުން ލިބެމުން ދިޔަ ދުނިޔެވީ އެންމެހާ އުފާތަކެއްގެ މައްޗަށް ﷲ ތަޢާލާގެ ލޯބި އިސްކުރިއެވެ. ޒަމާނީ އެންމެ ރޮކު މިއުޒިކާއި ލަވަތަކުގެ އަޑުން ރެއާއި ދުވާލު ގުގުމާފައިވި ޒުވާނާގެ ކޮޓަރިއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ޤުރުއާނުގެ ސާދާ ތިލާވަތުގެ އަޑުން އެފާރުތަކަށް އަމާންކަން ދެން ފަށާއިފިއެވެ. އެއަޑުތަކުގެ ސަބަބުން އަވައްޓެރިންނަށް ދުއްތުރާދެމުން ދިޔަ އަޑުތައް އަބަދުގެ އަބަދަށް ކެނޑިއްޖެއެވެ. ބުރުސޫރައާއި ފޭރާން އެޅުމުގެ ބާވަތް ޝައިޠާނެއްގެ ސިފައިން ޠާހިރު އިންސާނެއްގެ ސިފަޔަށް ބަދަލު ވެއްޖެއެވެ. ކަރުގައާއި އަތްފައި އިނގިލިތަކުގައި އެޅުވިފައިހުރި ތަކަހޮޅިތައް އަލްވަދާއު ކިޔައިފިއެވެ. ރޭގަނޑުގެ ހަމަ ހިމޭން ވަގުތުތައް ކަނު އަދިރީގައި ﷲ އަށް އަޅުކަންކޮށް ރޮއެ ތައުބާވުމުގައި ހޭދަ ކުރަން ފަށައިފިއެވެ.

ގިނަދުވަސްތަކެއް ނުވެ ޒުވާނާގެ މައިންބަފައިންނަށް މިކަންތައް އެނގިއްޖެއެވެ. އޭނާގެ ބައްޕަ ބުނާ ކަމުގައި ވެއެވެ. [މިގޭތެރެއިން އަބަދު މިއިވެނީ ކޮން ޤުރުއާނެއްގެ އަޑެއް ހެއްޔެވެ. މީހަކު މަރުވެގެން އުޅެނީ ހެއްޔެވެ.] ދަރިފުޅަށް އަންނަމުން އައި ބަދަލުތައް ފެނި ބައްޕައަށް ކެއްނުކުރެވުނެވެ. އެންމެ ފުރަތަމަ ދަރިފުޅު ގެންގޮސް އެގޮތް ދޫކޮށްލުމަށް ނަޞޭޙަތްތެރި ވިއެވެ. އެއަށްފަހު މަޖުބޫރުކުރުވައިގެން އެގޮތް ދޫކޮށްލާތޯ އުޅުނެވެ. އެންމެފަހުން ތަޅައި އަނިޔާކުރަން ފެށިއެވެ. އެހެނަސް ޒުވާނާ ކެއްތެރިކަމާއި އެކު ޘާބިތު ވަމުން ދިޔައެވެ. އޭނާއަށް މައިން ބަފައިންގެ ފަރާތުން ލިބިގެންވާ އެންމެހާ ނިޢުމަތްތައް އޭނާގެ ކިބައިން ނިގުޅާއިގަނެވިދާނެކަން އެނގިހުރެ ވެސްމެއެވެ. ފަޖުރުގެ ވަގުތައް ނަމާދުކުރުމަށް ބައްޕައާއި މަންމައަށް ގޮވައެވެ. ނަމާދު ނުކޮށް ނުނިދުމަށް ނަޞޭޙަތްތެރިވެއެވެ. މިޢަމަލުތަކުގެ ސަބަބުން ބައްޕަގެ ރުޅިވެރިކަން ގަދަވެ އިތުރު އަނިޔާތައް ދަރިފުޅަށް ދީ ގެއިންނެރެ ހަދައެވެ. ޒުވާނާ އެއްގޮތަކަށްވެސް އެމީހުންގެ ވާހަކަ ޤަބޫލު ނުކުރުމުން މައިންބަފައިން ކަންބޮޑުވެ ހަދާނެގޮތް ހުސްވިއެވެ.

ޒުވާނާއަށް ދަޢުވަތުދެނީ އިމާމުމީހާ ކަން ބައްޕައަށް އެނގުނު ހިނދު ބައްޕަ އިމާމު މީހާ ގާތަށް ގޮސް އޭނަޔާ ދިމާލަށް ބުންޏެވެ. [ކަލޭ އަހަރެންގެ ދަރި ހަލާކުކޮށްފީމުއެވެ.] އަދި އިމާމު ޖަވާބުގައި ބުނެއެވެ. [އަހަރެން ކަލޭގެ ދަރި ހަލާކުކޮށެއްނުލަމެވެ. ﷲ ގެ ހަޟްރަތުން އޭނާއަށް އެވަނީ ތެދުމަގު ލިބިފައެވެ. އަދި މިހާރު އޭނާ އެވަނީ މިވެނި އެވެނި ސޫރަތަކާއި ހަމައަށް ޤުރުއާން ހިތުދަސް ވެސް ކޮށްފައެވެ. ކަލޭމެން އެކަމާއި އުފާކުރާށެވެ.] ބައްޕަގެ އެތެރޭގައި އަނދަ އަނދާހުރި ރުޅިވެރިކަމުގެ ހުޅުގަނޑު އެވަގުތު ފަޅައިގެން ދިޔައެވެ. އިމާމާއި ދިމާލަށް ފުންމައިގެން ގޮސް ބުންޏެވެ. [ކަލޭ މީގެފަހުން އަހަރެންގެ ދަރިޔާ އެއްވެސް ގުޅުމެއް ބާއްވާ އޭނާއާއި ބައްދަލުކޮށްފިކަން އެނގިއްޖެނަމަ އަހަރެން ކަލޭގެ ކަރު ކަނޑާ ލާނަމެވެ. ހަދާން ކުރާށެވެ.] މިހެން ބުނެ އިމާމުގެ މޫނަށް ކަރުކެހިފައި ކުޅެއްޖެހިއެވެ. ބަދަލުގައި އިމާމު ހިނިތުންވެލާފައި އޭނާއަށް ބުނެލިއެވެ. [ކަލެއަށް ﷲ ތަޢާލާ ހިދާޔަތު ދައްކަވާށިއެވެ.]

ދެމަފިރިން މިކަންތައްގަނޑު ބޮޑުވެ ރަނގަޅު ޙައްލެއް ވިސްނަން ފަށައިފިއެވެ. ޒުވާނާގެ ބައްޕަ އޭނާގެ ގާތްތިމާގެ ފިރިހެން ކުއްޖަކާއި މަޝްވަރާ ކުރުމަށްފަހު އޭނާއާއި އެކު ޒުވާނާ ދުވަސްކޮޅަކަށް ފްރާންސަށް ފޮނުވުމަށް ނިންމައިފިއެވެ. މިނިންމުމުގެ ފަހަތުގައިވަނީ ކޮންފަދަ ރޭވުމެއްކަމެއް ޒުވާނާއަކަށް ނުވިސްނެއެވެ. އެހެންކަމުން ޒުވާނާ މީނާއާއި އެކު ފްރާންސަށް ދިޔައެވެ. އެދެމީހުން މަޑުކޮށްލުމަށްޓަކައި މީނާ ބެލީ ވީހާވެސް ފާހިޝްކަންތައް ގިނައިން އޮންނަ ނައިޓްކްލަބްތައް ގިނައިން ހުއްނަ ހޮޓަލެކެވެ. ޒުވާނާ ކެއްތެރިކަމާއި އެކު އިވެމުންދާ އަޑުތަކާއި ފެންނަމުން ދިޔަ ބަރަހަނާ މަންޒަރުތަކަށް ފުރަގަސްދީ ނޫނެކޭ ބުނަމުން ދިޔައެވެ. ރޭގަނޑުގެ ގިނަ ވަގުތުތައް އަޅުކަމުގައި ހޭދަ ކުރެއެވެ. ނަމަވެސް ތިމާގެ ފިރިހެން ކުއްޖާ ވިސްނުތެރި ކަމާއިއެކު މަޑުމަޑުން ޒުވާނާ މަގު ފުރެއްދުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ކްލަބް ތަކުގެ މަޖާ ވާހަކައިންނެވެ. ބައެއްފަހަރު އެތަންތަނުގެ ކައިރިން ގެންދެއެވެ. ޒުވާން ރީތި އަންހެން ކުދިން އޭނާގެ ގާތަށް ގެނެސް ތާޢާރަފްކޮށްދެމުން ގެންދިޔައެވެ. ރަލުގެ މީރުކަން އޭނާގެ ސިކުނޑިއަށް ވަންދަމުން ގެންދިޔައެވެ. ފަހަރަކަށް ވުރެ ފަހަރެއް ޒުވާނާގެ ހިތް އުރެދުންތަކާއި ދިމާލަށް ލެބެން ފަށައިފިއެވެ.

ދަރިފުޅު [އިޞްލާޙު] ކުރުމަށްޓަކައި މައިންބަފައިން އެތަކެއްފައިސާއެއް އޮއްސަމުން ދިޔައެވެ. ނަތީޖާއަކަށްވީ ޒުވާނާ ކްލަބްތަކުގެ ތެރެއަށް ވަންނަން ފެށުމެވެ. އަދި ރީތި އަންހެން ކުދިންގެ ޖާދޫގައި ޖެހެވެން ފެށުމެވެ. ނަފްސު ކޮންޓްރޯލުކުރުމަށް ނުކުޅެދި ޒިނޭކޮށް ރާވެސް ބޯން ފަށާއިފިއެވެ. އެނބުރި ކޮޓަރިއަށް އައިސް ޒުވާނާ، ކުރެވެމުންމިދާ ކަންތައްތަކާއި މެދު ހިތާމަކޮށް ހަދައެވެ. އެހެނަސް މިކަމުން މިންޖު ވެވޭވަރަށް ވުރެ މާބޮޑަށް ހައްދުފަހަނަ އަޅާއިފިއެވެ. އާޚިރުގައި މަސްތުވާ ތަކެތިވެސް ބޭނުންކުރަން ފަށައިފިއެވެ. އަދި ނަމާދާއި އެހެނިހެން އަޅުކަންތައް ހަނދުމަނެތި، ތާއަބަދު މަސްތުވެ ނިދިފައި ކްލަބުތެރޭގައި އިންނަން ފަށައިފިއެވެ. މިހާ ހިސާބަށް ކަންތައް ދިއުމުން ތިމާގެ ކުއްޖާ ޒުވާނާގެ މައިބަފައިންނަށް ޚަބަރުކޮށްފިއެވެ. މިހާރު ހުރިހާކަމެއް ރަނގަޅުވެއްޖެ ކަމަށާއި އެނބުރި ޤައުމަށް ދާންވީކަމަށް ވެސް ބުންޏެވެ. ޒުވާނާގާތު ޤައުމަށް އެނބުރިދާ ވާހަކަ ބުނުމުން އޭނާ މަސްތުޙާލުގައި އިނދެ ބުނެއެވެ. [އަހަރެންގެ ޤައުމެއް ގެދޮރެއް މައިންބަފައިންނެއް ޢާއިލާ މީހެއް ނުވެއެވެ. އަހަރެން ނުދާނަމެވެ. އަހަރެންގެ ގެއަކީ މިއީއެވެ. އަހަރެންގެ ކާނާއަކީ ވެސް މިއީއެވެ.]

ވަރަށް މަސައްކަތުން ޒުވާނާ ޤައުމަށް ގެންގޮއްސިއެވެ. އަދި މަރުޙަބާ ކިއުމަށްޓަކައި އުފަލުން ފޮޅިފައިތިބެ އައި މައިންބަފައިންނަށް ކުއްލި ސިހުމެއް ލިބުނެވެ. ދަރިފުޅުގެ ހިކިއަނަރޫފަވެ އަދިރިވެފައިވި ހަށިގަނޑު ފެނިފައެވެ. ޒުވާނާ، މަސްތުވެފައި ހުރެގެން އައިސް މަންމަ ގައިގައި އޮޅުލައިގަނެ ބުންޏެވެ. ”މަށަށް އެންމެ ޕީސްކޮޅެއް ހޯދާދޭށެވެ. އަހަރެން މިހުރީ ވަރަށް ސިކު ވެފައެވެ.“ މަސްތުވާތަކެތީގެ ވަބާއިގައި ޖެހި ބަނގުރޫޓު ވެފައިވާ ދަރިފުޅު ފެނުމުން މަންމައާއި ބައްޕަ ފެންކަޅިވެ ކަރު އެލިއްޖެއެވެ. ގެއަށް އެނބުރި އައުމަށް ފަހުގައި ޒުވާނާގެ ކަމަކީ މަސްތުވާތަކެތި ގަތުމަށް މައިން ބަފައިން ގާތުން ލާރި އަތުލުމެވެ. އަބަދުމެ ހުންނަނީ މަސްތުވެފައިވާ ޙާލުގައެވެ. ލާރި ނުދީފިނަމަ މައިންބަފައިންނާއި އަރާރުންވެ ލާރި ވަގަށްވެސް ނަގަނީއެވެ.

ބިރުވެރިކަން އިންތިހާއަށް ދިއުމުން ބައްޕަ ގޮތް ހުސްވެ އިމާމުގެ މަތިން ހަދާންވިއެވެ. އަދި އަވަހަށް އިމާމުގެ ގާތަށް ގޮސް ބައްދަލު ކުރިއެވެ. އިމާމު ގާތުގައި ގިސްލަގިސްލާ ރޮއެ އާދޭސް ކުރަން ފެށިއެވެ. [އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދޭށެވެ. ތިބާއަށް އެކަންތައް ކުރެވިދާނެއެވެ. މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތްކޮށް ޞާލިޙު މީހަކަށް ހަދާދޭށެވެ.] އެހިނދު އިމާމު ޖަވާބުގައި ބުންޏެވެ. [ކަލޭގެ ދަރި ސަލާމަތް ކުރުމުގެ ބާރު ލިބިގެންވަނީ އަހަރެންނަކަށް ނޫނެވެ. އެކަމަކު ﷲ އަށެވެ. ކަލޭމެން ﷲ އަށް ތައުބާވެ އެއިލާހުގެ ހަޟްރަތުން އެހީއާއި މަދަދަށް އެދޭށެވެ. އެއިލާހު އެދިވޮޑިގަންނަވައިފި ނަމަ ކަލޭމެން ތިމުސީބާތުން ސަލާމަތް ކޮށްދެއްވާނެއެވެ.]

އިމާމު ބުނެފައިވެއެވެ. [ﷲ ގަންދީ ބުނަމެވެ. އޭގެ ދެހަފްތާފަހުން އަހަރެންގެ މިމިސްކިތަށް އެދެމަފިރިންގެ ޖަނާޒާ ގެނެވުނެވެ. ޚަބަރު ބެލިއިރު އެއްކަލަ ޒުވާނާއަށް މަސްތުވާތަކެތި ގަތުމަށް ފައިސާ ނުދީގެން އޭނާ ރުޅި ގަދަވެ ވަޅިން ހަމަލާދީ ދެމީހުން މަރާލީއެވެ.] ޒުވާނާ އޭނާގެ މައިންބަފައިނަން ބުނިކަމުގައި ވެއެވެ. [ކަލޭމެން ދެމީހުނަށް މިއަދަބު ހައްޤުވެއެވެ. އެހެނީ ކަލޭމެންނީ އަހަރެންގެ ދުނިޔެއާއި އާޚިރަތް ވީރާނާކޮށް ބަރުބާދުކޮށްލި ބަޔަކު ކަމުގައި ވެއެވެ. އަހަންނަކީ މިހާރު ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ އިންސާނަކީމެވެ. ބޭކާރުވެ ގިނަވެފައިވާ މީހަކީމެވެ.]

أستغفر الله ! [މިފަދަ އެންމެހާ ނުބައި ކަންތައްތައްތަކާއި މަގުފުރެދުން ތަކުން، ﷲ ތަޢާލާ އަހަރުމެން ރައްކާތެރި ކޮށްދެއްވާށިއެވެ. އާމީން!]

ދަރުމަ މަޖައްލާ

ޙިޔާލު ހުށަހެޅުއްވުމަށް....