ފުރަތަމަ ޚަލީފާ أبو بكر الصديق

desert

أبوبكر> ގެ ފުރިހަމަ ނަންފުޅަކީ عبد الله بن عثمان بن عامر އެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަލޭގެފާނުގެ ނަންފުޅަކީ، ޢަބްދުލް ކަޢްބާ އެވެ.  އިސްލާމްވެވަޑައިގަތުމަށްފަހު އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލު @ أبوبكر> ގެ ނަންފުޅު ބަދަލުކުރައްވައި، އެކަލޭގެފާނުގެ ނަންފުޅަކީ عبد الله ކަމުގައި ހަމަޖެއްސެވިއެވެ.އައްޞިއްދީޤް އާއި، ޢަތީޤް އަކީ أبوبكر>ގެ ދެ ލަޤަބުފުޅެއެވެ. أبوبكر އަކީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅެވެ. ނަމަވެސް އެޒަމާނުގެ ޢަރަބީންގެ މެދުގައި ޢާންމުވެފައި އޮންނަ ފަދައިން، އެންމެބޮޑަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެ ނަންފުޅުންނެވެ.

أبوبكر>ގެ ބައްޕާފުޅު ޢުޘްމާން ބުން ޢާމިރް ވެސް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންޔަތުގެ ނަންފުޅުންނެވެ. އެކަލޭގެފާނުގެ ކުންޔަތަކީ، أبو قحافة އެވެ. أبوبكر>ގެ މައިކަނބަލުންނަކީ ސަލްމާ ބިންތް ސަޚްރެވެ. ނަމަވެސް އެކަމަނާ ނަންފުޅު ޢާންމުވެފައިވަނީ އުންމުލް ޚައިރެވެ. އެއީ އެކަމަނާގެ ކުންޔަތުގެ ނަންފުޅެވެ.أبوبكر> އަކީ ޤުރައިޝުވަންހައިގެ ދަރިކޮޅެއް ކަމުގައިވާ ތައިމްވަންހައިގެ ބޭކަލެކެވެ. ރަސޫލު ﷲ @ ގެ ނަސަބުފުޅާއި أبوبكر>ގެ ނަސަބުފުޅާ ގުޅެނީ 6 ވަނަ ކާފާފުޅާ (مره بن كعب ) އާއި ހަމައިންނެވެ.

ޒުވާން ޢުމުރު ފުޅު

أبوبكر> އުފަންވެވަޑައިގަތީ ޢާމުލްފީލުގެ ދެއަހަރު ފަހުންނެވެ. މާތް ވެގެންވާ މައްކާގައެވެ. އަބޫބަކުރު > ތުއްޕުޅު އިރުއްސުރެ ތަރުބިއްޔަތުވެ ވަޑައިގަތީ ރީތި އަޚްލާޤާއި ހެޔޮ ޚުލުޤުފުޅުތަކުގެ މަތީގައެވެ. ވަރަށް ތުއްޕުޅުއިރު ލިޔުއްވައި ކިޔުއްވަން ދަސްފުޅު ކުރެއްވިއެވެ. ޒުވާން ޢުމުރުފުޅުގައި ޢަރަބިބަހުގެ ޤަވާޢިދުތަކަށް އަރާހުންނެވި، އަދި ބަސްމޮށުންތެރިކަމާއި އަދަބިއްޔާތުގެ މަޝްހޫރު ބޭކަލެއްގެ ގޮތުގައި ވެވަޑައިގަތެވެ. އަދި ޢަރަބީންގެ ނަސަބުގެ ޢިލްމު އުނގެނިވަޑައިގެންނެވިއެވެ. ނަސަބުގެ ޢިލްމަކީ ޢަރަބީންގެ ތެރޭގައި ވަރަށް ޤަދަރުހުރި ޢިލްމެކެވެ.

އެ ޢިލްމަކީ أبوبكر>ގެ ޚާންދާނުގައި ދަރިދަރިކޮޅުއްސުރެ ވާރުތަވަމުން އައި ޢިލްމެކެވެ. أبوبكر>އެ ޢިލްމުގެ ދާއިރާ ފުޅާކުރެއްވިއެވެ. ހަމަ އެފަދައިން، ހުވަފެން ތަޢުބީރު ކުރުމުގެ ޢިލްމުހޯއްދެވިއެވެ. ދުވަހަކުވެސް ރާފޮދެއް ނުހިއްޕަވައެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އުޅުއްވުމުގެ ރީތިކަން މައްކާގައި އޮތީ މަޝްހޫރުވެފައެވެ. أبوبكر>ގެ ބައްޕާފުޅަކީވެސް މައްކާގެ ޤަދަރުހުރި ބޮޑުންގެކުރެ ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަތްޕުޅުމަތި ތަނަވަސް ބޭކަލެކެވެ.

ޖާހިލިއްޔަ ޒަމާނުގައި ޤުރަޝުންގެ ތެރޭގައި މަރުގެދިޔައިގެ ގޮތުން އެއްކުރެވޭ މުދަލާއި ފައިސާގެ ކަންތައް ބެލެހެއްޓެވުމުގެ ވެރިކަމާ ޙަވާލުވެވަޑައިގެން ހުންނެވިއެވެ.

أبوبكر> ބޮޑުފުޅުވީއްސުރެ، ފޮތީގެ ވިޔަފާރިކުރައްވައި މައްކާގެ މުއްސަނދީންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ފައިސާއިން، ނިކަމެތީންނާއި ފަޤީރުންނަށް އެހީތެރިވެދެއްވައެވެ. އެހެންކަމުން، މައްކާގެ މީހުން أبوبكر> ދެކެ ވަރަށް ލޯބިވެއެވެ. ރަސޫލު @ އާއި أبوبكر> އާ ދެބޭކަލުންގެ ޢުމުރުފުޅުގައި 2 އަހަރެއްހައި ދުވަހުގެ ތަފާތެއް ހުރެއެވެ. އެކަމަކުވެސް ދެބޭކަލުންގެ މިޒާޖުފުޅުގައި ހުރި އެއްގޮތްކަމުގެ ސަބަބުން، ދެބޭކަލުންގެ ޒުވާން ޢުމުރުފުޅުގައިވެސް އެދެބޭކަލުންނަކީ އެންމެގާތް ދެ ރަޙްމަތްތެރީންނެވެ. ދެބޭކަލުން އެކުގައި ވިޔަފާރި ކުރައްވައިވެސް އުޅުއްވިއެވެ.

އިސްލާމްވެވަޑައިގަތުން

ރަސޫލު ﷲ @ ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު، ތިން އަހަރު ވަންދެން ދީނަށް ގޮވާލެއްވީ ސިއްރިއްޔާތުގައެވެ. ނަމަވެސް ރަސޫލާ @ އެކަލޭގެފާނުގެ ޚާއްޞަ ރަޙްމަތްތެރިޔާ أبوبكر> އަށް އެންމެ ކުރީބައިގައި އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. އިސްލާމްދީނަށް ގޮވާލެވުނު ގޮވާލެވުން ހަމަ އިވިވަޑައިގަތުމާއެކު، أبوبكر> އެކަން ޤަބޫލުކުރެއްވިއެވެ. ކުޑަވެސް ފަސްޖެހިވަޑައިގަތުމަކާ ނުލައެވެ. އެހެންކަމުން، ބޮޑެތި ފިރިހެނުންކުރެ އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތުމުގެ މާތްކަން ލިބިވަޑައިގަތީ أبوبكر> އަށެވެ.

ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލަކަށް ލިބިވަޑައިގެންނުވާ އެތައް ޝަރަފެއް أبوبكر> ލިބިވަޑައިގެންފައިވެއެވެ. އޭގެތެރޭއިން އެއްޝަރަފަކީ، އެކަލޭގެފާނު > ދަރިފަސްކޮޅުގެ ހަތަރު ދަރިކޮޅު، ޞަޙާބީންކަމުގައި ހިމެނިވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންފައިވުމެވެ. أبوبكر> ބައްޕާފުޅު أبو قحافة އާއި أبوبكر> އެކަލޭގެފާނުގެ ދަރިކަލުން عبد الرحمن އާއި ކާފަދަރިކަލުން محمد بن عبد الرحمن އަކީ އަޞްޙާބު ބޭކަލުންނެވެ. أبوبكر> މައިކަނބަލުންނަކީވެސް ޞަޙާބިއްޔާއެކެވެ.

ނުނިމޭ…

މަޞްދަރު: خلفاء أربعا      خواجامحمد عبدالحي فاروقي

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު